ސަރުކާރުގެ މަސް ކުންފުނި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވައިދެއްވައި އެ ކުންފުނީގެ ހިއްސާ ރައްޔިތުންނަށް ވިއްކުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާގައި އޮތް ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުނުވެ ފުނިޖެހިފައިވާކަމަށެވެ. އެއީ އެއްފަހަރުން މި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރަން ދަތިވަމުން އަންނަ ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް ހުވަދޫ އަތޮޅު މަސްވެރިކަމުގައި ކުރިއަރައި ހިނގައްޖެ. އަޅުގަނޑުމެންނަށް ޖެހުނީ އިންގިލާބީ ބޮޑު ބަދަލެއް މި އިންޑަސްޓްރީއަށް ގެންނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސިނާއަތުގެ ކުރިއެރުމަށް މި ސަރުކާރުން އަމާޒު ހިފައިފައިހުރީ މިފްކޯ ފައިދާވާ ކުންފުންޏަކަށް ހަަދައި، މިފްކޯގެ ހިއްސާ ވިއްކަންކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ބޭނުންވާ ކެޕޭސިޓީ މިފްކޯއަށް އިތުރުކޮށް އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްފަހުގައި އޭގެ ހިއްސާ ރައްޔިތުންނަށް ވިއްކުން. އިރާދަކުރެއްވިއްޔާ އެ ޕްލޭނާއެކީގައި އަޅުގަނޑުމެން މި ކުރިއަށްގެންދަނީ،" އެ މަނިކުފާނު ވިދާލުވިއެވެ.
އެ ކަން ކުރުމަށް ޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އަމާޒު ހިފައިފައިވަނީ ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަމުގެ އިންޑަސްޓްރީގެ ކަންކަން ދޫކޮށްލުމަށްކަމަށެވެ. އެ ފަދައިން ކަންކުރުމަށްފަހު ސަރުކާރުގެ ކުންފުނިން މަސް ގަންނަ އަގު ބޮޑުކުރިކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރީ ސަރުކާރުގެ ސިޔާސަތަކަށް އޭރުވީ ޕްރައިވެޓައިޒްކުރުން... ޕްރައިވެޓައިޒްކޮށް އަމިއްލަ ފަރާތްތަކަށް މަސްގަނެ ބޭރުކުރުމަށް ފުރުސަތު ދޭން. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުގައި ކަޅުބިލަ މަސް އަޅުގަނޑު މިދެންނެވީ ގަނެ ބޭރުކުރުމަށް ޕްރައިވެޓް ސެކްޓާއިން އެދެވޭ މަސައްކަތެއް ކުރެވިފައިހުރި ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ނިޒާމާއި މަސް ގަންނާނެ ކެޕޭސިޓީ އިތުރުކުރުމަށް މި ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީހުރި 38 މިލިއަން ރުފިޔާ މި ސަރުކާރަށް ދޭންޖެހުނުކަމަށެވެ. މި ސަރުކާރަށް މިހާރު ވެސް މަސް ގަންނަ އަގު މަތިކުރެވިދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ކަން ނުކުރެއްވީ ރާއްޖޭން ބޭރަށް މަސް ވިއްކޭ އަގު ދަށްކަމުން ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަަކަށް ހައްލު ގެނެވޭނީ ދުރު ރާސްތާގެ ޕްލޭނަކާއެކުކަމަށެވެ. އަދި 17،000އަށްވުުރެ ގިނަ މަސްވެރިން ރާއްޖޭގައި އުޅޭއިރު އެއިން ކޮންމެ މީހެއްގެ އާއިލާއަށް ވެސް ސީދާގޮތުން އަސަރުކުރަނީ މަސްވެރިކަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ވެސް 'ވިންދު ޖަހަ ޖަހައި' އޮތް ހަމައެކަނި ސިނާއަތަކީ މިއީކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ހަަމަޖެހިލައިގެން ތިބެވޭ ސަބަބަކީ ދިވެހި މަސްވެރިން އެ ދުވަހު ކުރި ބުރަ މަސައްކަތް. އެ ކަމަށް ޓަކައި ދިވެހި މަސްވެރިންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުވަފެނެއް މި ސަރުކާރުން ނުދައްކާނެ ކަމަށާއި މި ފަސް އަހަރުގެ ދައުރުގެ މަސައްކަތުން ވެސް ވައުދުތައް ފުއްދަމުން އަންނަކަން ހާމަވާނެކަމަށެވެ.
ދެވަނަ ދައުރެއްގައި ފަރެސްމާތޮޑާއަށް ކޮށްދެއްވާނެ ކަންކަން:
-
މަގުތައް ޒަމާނީކުރުން
-
ޔޫތު ސެންޓަރެއް އެޅުން
-
ބަނދަރުފުންކޮށް މޫދަށް އެރޭނެ ތަނެއް ހެދުން
-
ސިއްހީ މަރުކަޒުގެ އައު އިމާރަތް އެޅުން
-
އައިސް ޕްލާންޓެއް ގާއިމްކުރުން
-
ބޮޑު ހުކުރު މިސްކިތެއް އެޅުން
-
ސިޓީ ހޮޓަލެއް އެޅުން
-
ކަޅައިދޫއާ ފަރެސްމާތޮޑާ އެއްކޮށް ހިއްކައި އެ ރަށުގައި ފްލެޓް އެޅުން