އިބްރާހީމާ ދެ މީހުންގެ ދެމެދު ލޯބީގެ ގުޅުމެއް ނޯންނަކަމަށް ޕަލަކް ބުނެފި

ޓެލެވިޒަން ސީރީސްއިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީއާއި ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމްގެ ލޯބީގެ ގުޅުމެއް ނޯންނަކަމަށް ޕަލަކް ބުނެފިއެވެ.

ދާދި ފަހުން ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން"އިން ބޮލީވުޑަށް ތަޢާރަފްވި ޒުވާނާ ބުނެފައިވަނީ އިބްރާހީމަކީ ގާތް ރަޙްމަތްތެރިއެއް ކަމަށާއި އިބްރާހީމްއާއި ބައްދަލުވަނީ ވެސް ހާއްސަ ހަފުލާތަކުގައި ކަމަށެވެ.

ޕަލަކްއާއި އިބްރާހީމްގެ ހާއްސަ ގުޅުމެއް އޮންނަ ކަމަށް މީޑިއާތަކުގައި އެކި ފަހަރު މަތިން ލިޔެވުނު ނަމަވެސް ދެ ޒުވާނުން ވެސް މިހާތަނަށް މި ކަމަށް އެއްބަސްވެފައެއް ނުވެއެވެ.

އެހެންނަމަވެސް ދެ ޒުވާނުން އެކީގައި ޕާޓީތަކުންނާއި އެކި އިވެންޓުތަކުން އެކީގައި ފެނުމަކީ އާއްމު ކަމެކެވެ. ޕަލަކްއާއި އިބްރާހިމްގެ ހާއްސަ ގުޅުމެއް އޮންކަމުގެ ޝައްކު ޔަގީނަށް ބަދަލުވެފައިވަނީ ދާދިފަހުން އިބްރާހީމްގެ ދައްތަ ބަތަލާ ސާރާ އަލީ ޚާންއާއި ދެބެއިންގެ ޗުއްޓީ ދަތުރު ނިންމާލުމަށް ފަހު އައި ދުވަހު ޕަލަކް ވެސް އެއާޕޯޓުން ފެނުމާ ގުޅިގެންނެވެ. މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ ސާރާއާއި ޕަލަކް އަދި އިބްރާހީމް އެކީގައި ޗުއްޓީ ނިންމާލުމަށް ފަހު އެއް ވަގުތެއްގައި އެއާޕޯޓުން ފެނުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.

ހިންދީ ސިނަމާއަށް ޕަލަކް ނުކުމެފައިވާއިރު ޒުވާން ބަތަލާ އަންނަނީ އިތުރު އެހެން ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ފިލްމީ ދާއިރާއަށް ތަޢާރަފުވުމުގެ ކުރިން ޕަލަކް ވަނީ ލަވަކިޔުންތެރިޔާ ހާޑީ ސާންޑޫއާ އެކު މިއުޒިކް ވީޑިއޯއެއްގައި މަސައްކަތް ކޮށްފައެވެ. ޕަލަކްއެކޭ އެއްގޮތަށް އިބްރާހިމް ޢަލީ ޚާން ވެސް އަންނަނީ ކެރިއަރުގެ ފުރަތަމަ ފިލްމަށް ތައްޔާރުވަމުންނެވެ.

ޝޫޓްކޮށް ވެސް ނިމިފައިވާ މި ފިލްމުގައި އިބްރާހީމް ކުޅެނީ ސިފައިންގެ އާމީ މީހެއްގެ ރޯލެވެ. އިބްރާހީމް ޢަލީ ޚާންއަކީ ބައްޕަ ސައިފްގެ ޅަ ދުވަސް ހަނދާން އާކޮށްދޭ ޒުވާނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ފަރާތެކެވެ. ބޮލީވުޑްގެ ފިލްމީ ތަރިންގެ ކުދިންގެ ތެރެއިން އިބްރާހީމަކީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ސްޓާކިޑްއެވެ.

comment ކޮމެންޓް