ޗެލްސީއާ އަލަށް ގުޅުނު ފްރާންސް ފޯވަޑް ކްރިސްޓޮފާ އެންކުންކޫގެ ކަކުލަށް އަނިޔާވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
އެންކުންކޫއަށް އަނިޔާވެފައިވަނީ ޕްރީ ސީޒަންގައި ޗެލްސީން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި ޖަރުމަން ޑިފެންޑަރު މެޓް ހުމުލްސްގެ ޓެކުލްއަކާ ގުޅިގެންނެވެ. އާރްބީ ލައިޕްޒިގުން 58 މިލިއަން ޕައުންޑް (74 މިލިއަން ޑޮލަރު)ގެ އަގަކަށް ޗެލްސީއަށް ގެނައި އެންކުންކޫއަށް ސީޒަން ނުފެށެނީސް އަނިޔާވުމަކީ އެ ކްލަބަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.
އުމުރުން 25 އަހަރުގެ އެންކުންކޫއަށް ލިބުނު އެ އަނިޔާއާ ގުޅިގެން ކުރިން ގިނަ ދުވަސްތަކަކަށް އަނިޔާގައި ހުންނަން ޖެހޭނެ ކަމަށް ނުބެލެވުނު ނަމަވެސް، މިހާރު އެއަށްވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެއެވެ. އެ އަނިޔާއާ ގުޅިގެން އެންކުންކޫ ވަނީ ސާޖަރީއެއް ވެސް ހަދައިފައެވެ.
"އެންކުންކޫގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ސާޖަރީއެއް ހަދާފައި. އެއާއެކު އޭނާ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. އެންކުންކޫގެ ރިހެބިލިޓޭޝަން ޕްރޮގްރާމު ކުރިއަށްގެންދާނީ ކްލަބުގެ މެޑިކަލް ޑިޕާޓްމަންޓުން،" ޗެލްސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެންކުންކޫ ވަނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގައި އޭނާގެ ފެންވަރު ދައްކާލައިފައެވެ. ކުރިއަށްއޮތް ސީޒަނުގައި ޗެލްސީން އެންކުންކޫ ވިދާލާނެ ކަމަށް ބެލެވުނު ނަމަވެސް، އަނިޔާއާ ގުޅިގެން އެ ކްލަބުގެ ރަސްމީ މެޗަކުން ފުރަތަމަ ފަހަރަށް ފެނުމަށް އަދި ދުވަސްތަކެއް ނަގާނެއެވެ.