ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް ސޮއިކުރުމުން އެއާޕޯޓުން އޭނާއާ ހަވާލުވުމަށް ތައްޔާރަށް ހުރި ކަމަށް ރެއާލްގެ ލެޖެންޑް އަދި އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ޖޯޖް ވަލްޑާނޯ ބުނެފިއެވެ.
ޕީއެސްޖީ އާއި އެމްބާޕޭއާ ދެމެދު ގިނަ މައްސަލަތަކެއް ވަނީ ޖެހިފައެވެ. އެމްބާޕޭގެ ކޮންޓްރެކްޓް އާކުރުމަށް ޕީއެސްޖީން މަސައްކަތްތަކެއް ކުރި ނަމަވެސް، އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އެމްބާޕޭ ބޭނުންވަނީ ކުރިއަށް އޮތް ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލްއާ ގުޅުމަށެވެ.
މިދިޔަ އަހަރު ވެސް ރެއާލުން ވަނީ އެމްބާޕޭ ގެންދިއުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އޭނާ އޭރު ނިންމީ އިތުރު އެއް އަހަރު ޕީއެސްޖީގައި މަޑުކުރުމަށެވެ. އެފަހަރު ކޮންޓްރެކްޓް އާކުރުމުން ރެއާލްގެ ސަޕޯޓަރުން ވަނީ އެކަމާ ނުރުހުން ވެސް ފާޅުކޮށްފައެވެ. ބަޔަކު ހިތްހަމަނުޖެހިފައި ހުއްޓަސް، އެއާޕޯޓުން އެމްބާޕޭއާ ހަވާލުވާން ދާނެ ކަމަށް ރެއާލްގެ ސްޕޯޓިން ޑިރެކްޓަރު ވަލްޑޯނާ ވަނީ ބުނެފައެވެ.
"މީހުން އެމްބާޕޭ ދެކެ ރުޅި އައިސްފައި ހުރި ނަމަ، ހާސްނުވޭ. އަހަރެން އޭނާ ބަލައި އެއާޕޯޓަށް ދާނަން،" ދެކުނު އެމެރިކާ ފުޓުބޯޅަ ފެޑެރޭޝަން، ކޮންމެބޯލްގެ އިދާރާގައި ބޭއްވި ހަފުލާއަކަށްފަހު ވަލްޑާނޯ ބުންޏެވެ.
އެމްބާޕޭއާ ޖެހުނު މައްސަލަތަކާ ގުޅިގެން ޕީއެސްޖީން އޭނާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްޖީން ކުރި ދަތުރުގައި އޭނާ ބައިވެރިކޮށްފައި ނުވާ އިރު، ފުރަތަމަ ޓީމާއެކު ތަމްރީންތައް ކުރުމުގެ ފުރުސަތު ވެސް ދީފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށްއޮތް ސީޒަންގެ ފްރާންސް ލީގުގެ ކުރީކޮޅުގައި އޭނާ ނުފެނުމަކީ ގާތް ކަމެކެވެ.