ސައުދީ އަރަބިއާގެ ކްލަބުތަކަކުން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އެ ހުށަހެޅުންތައް ގަބޫލުނުކޮށް ދޫކޮށްލާފައިވާނެ ކަމަށް ރޯމާގެ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނެފައިވާ ގޮތުގައި އޭނާއަށް ސައުދީގެ ދެ ކްލަބަކުން ވަނީ ބޮޑު ހުށަހެޅުމެއް ލިބިފައެވެ. ނަމަވެސް ކުރިއަށްއޮތް ސީޒަނުގައި ސައުދީގެ ޕްރޯ ލީގު ފެންނާނެ ފުރުސަތެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އަލް ހިލާލާއި އަލް އަހްލީން ހުށަހެޅުމެއް ލިބުނު. ނަމަވެސް މަޝްވަރާއަށް ދިއުމުގެ ކުރިން އަހަރެން އެ ކްލަބުތަކުގެ ވެރިންނަށް އަންގާފައިވާނެ އެ ހުށަހެޅުންތައް ގަބޫލުނުކުރާނެ ކަމަށް،" 'ކޮރިއެރޭ ޑެލޯ ސްޕޯޓް'އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ މީގެ ކުރިން ޗައިނާ ގައުމީ ޓީމުގެ ކޯޗުކަމާއި ބޮޑު ކްލަބެއްގެ ކޯޗުކަމާ ހާވަލުވުމަށް ވެސް ހުށަހެޅުމެއް ލިބުނު ކަމަށާއި ނަމަވެސް އެ ހުށަހެޅުންތައް ވެސް ގަބޫލުކޮށްފައި ނުވާނެ ކަމަށެވެ.
މީގެ ކުރިން ޗެލްސީ، ރެއާލް މެޑްރިޑް، އިންޓަ މިލާން އަދި މެންޗެސްޓާ ޔުނައިޓެޑާއެކު ވެސް ކާމިޔާބީތަކެއް ހޯދާފައިވާ މޮރީނިއޯ، ރޯމާއާ ގުޅުނީ 2021-22 ސީޒަނުގެ ކުރީކޮޅުއެވެ. މޮރީނިއޯގެ ފުރަތަމަ ސީޒަނުގައި ރޯމާއަށް ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިން އިރު، މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ރޯމާ ގެންގޮސްދިނެވެ. ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޯމާ ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގައި ސެވިއްޔާ އަތުންނެވެ.