ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މާދަމާ އާންމު ކުރަނީ

މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މާދަމާ އާންމު ކުރާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ މި ކަން "ސަން"އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ މާދަމާ އެ ލިސްޓު އާންމު ކުރާނެކަމަށާއި އެއަށްފަހު ޝަކުވާ ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ އެ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ނަންތައް ޖޫން މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެ މަހުގެ 26ގައި ސަރުކާރުން އާންމުކުރީ ހަމައެކަނި ގޯތި ލިބޭ މީހުންގެ ލިސްޓެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކޫމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅައިފައިވަނީ 20،697 މީހުންނެވެ. އެއީ ތިންކޮޓަރީގެ އެޕާޓްމަންޓަަށް 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުންނެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ މި މަހުގެ ދެވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް