އެކުގައި މަސައްކަތް ކުރުމަށް ގާސިމްގެ ދައުވަތު ޑރ. ވަހީދަށް

ގާސިމް ޑރ. ވަހީދާ ބައްދަލު ކުރެއްވުމަށް ފަހު "ސަން"އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ހަމްޒާ

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެކުގައި މަަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކަށް ދައުވަތު ދެއްވައިފިއެވެ.

މި ދައުވަތު ދެއްވާފައި ވަނީ، ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލު ކުރެއްވުމުގައި ގާސިމް އަރިހުގައި އޭނާގެ ރަނިންމޭޓް އަމީން އިބްރާހިމާއި އެޑްވައިޒަރު އަޙްމަދު ނިހާން ވެސް ބައިވެރިވެއެވެ.

ބައްދަލު ކުރެއްވުމަށް ފަހު "ސަން"އާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ދައުވަތާ މެދު ޑރ. ވަހީދު އަދި ގޮތެއް ނިންމަވާފައި ނުވާކަމަށެވެ.

"އެ މަނިކުފާނަށް އަޅުގަނޑު އޮފާކޮށް އަރުވާފަ ދަންނަވާފަ މިދަނީ. ދެން އެމަނިކުފާނު ޑިސައިޑް ކުރައްވާނެތާ ދޯ މުސްތަގުބަލުގައި،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން މިހާރު އެ ކުރައްވާ މަސައްކަތުގައި ރައީސް ވަހީދުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

"އެމަނިކުފާނުގެ އާއިލާއާ ރައްޓެހިންގެ ފަރާތުން ވެސް މިކަމުގައި މަދަދުވެރިވެ ދިނުމަށް އެދެން،" އެކުގައި މަސައްކަތް ކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާ ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ގައުމުގެ ހާލަތާމެދު ވެސް މަޝްވަރާ ކުރެވުނު ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ގާސިމް ކެންޑިޑެސީ ހުށަހަޅުއްވީ މިއަދު މެންދުރު 11:00 ހާއިރެވެ. އެ ފޯމް ބަލައިގަންކަން އީސީން ވަނީ މިއަދު 2:00ގައި ވަނީ ހާމަކޮށްފައެވެ.

ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުންނެވުމަށް ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ. އަދި، ޕީޕީއެމްގެ ކެންޑިޑޭޓަކީ ވަހީދު ކަމަށް ވާހަކަ ވެސް ދެކެވުނެވެ.

ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒަކީ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ކަމަށް ނިންމަވައި ޔާމީން ވެސް މިހާރު ވަނީ މުއިއްޒަށް ތާއީދު ކުރައްވާފައެވެ. އެއާ އެކު ކުރިން މުއިއްޒާ ދެކޮޅު ބޭފުޅުން ގެންދަވަނީ އެކުގައި ތިބިކަން ހާމަ ކުރަމުންނެވެ.

comment ކޮމެންޓް