ޕީޕީއެމްގެ ކުރީގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިފައަކީ އަނިޔާވެރިކަން ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލާއިރު ރައްޔިތުން ވިސްނަންވީ، މި ދައުރުގައި އެ ކަން ބަދަލުވި ގޮތާ މެދު ކަމަށް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަންގައި ދެވަނަ ދައުރަަކަށް ކުރިމަތިލައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ރިނބުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކިރިޔާ ވެސް ޚިޔާލު ތަފާތު މީހަކުވާނަމަ އެ މީހަކު ހައްޔަރުކުރުމަކީ އޭރުގެ އާންމު އުސޫލު ކަމަށެވެ.
"ކުރީގެ ސަރުކާރުގެ އެންމެ މުހިންމު ސިފައަކީ އަނިޔާވެރިކަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސްވެރިންނަށް އޮތް މިނިވަންކަމާއި، ޝަރުއީ ކޯޓުތަކަށް މިނިވަން މާހައުލެއް ގާއިމު ކޮށްދިނުމަށް ހުރަސް އަޅައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު އެ ހާލަތު ބަދަލުވެފައިވާއިރު ދެން އޮތް ދައުރަށް، ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެންފައިވަނީ އުފާވެރި އަމާން ރާއްޖެއެއް ކަށަަވަރުކޮށްދިނުން ކަަމަށް ރައީސް ވިދާޅުވިއެވެ.
"ވޭތުވެދިޔަ ފަސް އަހަރު ދުވަހަކީ ހަމަޖެހުމާއި ސުލްހަ ރާއްޖެއަށް ގެނެސްދެވުނު ފަސް އަހަރު،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރަށުގެ އާބާދީ މަދު ނަމަވެސް ތަރައްގީގައި މި ރަށް ވެސް ބާކީކޮށްލައިފައިނުވާ ކަމަށެވެ. އެއީ، މި ދައުރުގައި މި ރަށުގައި ވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ޔަގީންވެ، ބަނދަރު ތަރައްގީވި ސަބަބު ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި ރިނބުދޫއަށް ކޮށްދެއްވާނެ ކަންކަން:
- ޒަމާނީ ހުކުރު މިސްކިތެއް ތަރައްގީކުރުން
- ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި ވަސީލަތްތައް ގާއިމްކޮށްދިނުން
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ގޯތި ދިނުމުގެ މަސައްކަތްކުރުން
- ވޮލީ ކޯޓެއް އެޅުން
- ސިއްހީ މަރުކަޒުގެ ޚިދުމަތް ތަރައްގީކުރުން
ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި ސަރުކާރުގެ ކަންކަން ބައްޓަންކުރާނެ ދާއިރާތަކާ ގުޅޭ ސިޔާސަތުތައް މިރޭ ހާމަކުރައްވާނެ ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ލޯކަލް ޓޫރިޒަމާ ގުޅޭ ސިޔާސަތުތަކާއި، މަސްވެރިކަމާ ގުޅުން ހުރި ސިޔާސަތުތައް ހާމަކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސިޔާސަތުތައް ތަންފީޒު ކުރެވޭނީ ދެވަނަ ދައުރަކުންކަން ފާހަގަކުުރައްވައި އެ މަނިކުފާނުވަނީ ވޯޓު ލުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
"ކޮންމެ ބޭފުޅެއްގެ ވޯޓަކީ ވެސް މުހިންމު ވޯޓެއް. ހޯދަން މި ޖެހެނީ 50 ޕަސެންްޓާއި އެއް ވޯޓު،" ރައީސް ވިދާޅުވިއެވެ.