އިލްޔާސްގެ ކެންޑިޑެސީ ބަލައިގެންފި

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ކެންޑިޑެސީ ހުށަހެޅުން -- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބަލައިގެންފިއެވެ.

އިލްޔާސްގެ ކެންޑިޑެސީ އިއްޔެ ހުށަހެޅި ނަމަވެސް، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުމެއް މަދުވެގެން ކެންޑިޑެސީ ބަލައިނުގަންނަން އީސީން ފުރަތަމަ ނިންމިއެވެ.

ނަމަވެސް މިއަދު އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިލްޔާސްގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި، އިންތިޚާބުގައި ވާދަކުރަން އޭނާގެ ޝަރުތު ހަމަވާ ކަމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް އައްޔަން ކޮށްފައިވަނީ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ރައީސް މުޙައްމަދު ނަޝީދަށް ނާކާމިޔާބު ވުމާއެކު އުފެއްދި ޕާޓީއެކެވެ.

އިއްޔެ އީސީން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ބަލައިގެންފައެވެ.

މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ވެސް ވަނީ ހުށަހަޅާފައެވެ. އަދި ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުގެ ކެންޑިޑެސީ ވެސް މިއަދު ވަނީ ހުށަހަޅާފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރަން އެ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ އެންގެވި ނަމަވެސް، މިއަދު އެމަނިކުފާނު ވަނީ ޚިޔާލު ބަދަލުކުރައްވައި، މުއިއްޒަށް ތާއިދުކުރަން ނިންމަވާފައެވެ.

ޔާމީން އިންތިޚާބު ބޮއިކޮޓް ކުރަން އެންގެވީ އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އީސީން ނިންމި ނިންމުމަށް އިއްޔެ ސުޕްރީމް ކޯޓުން ތާއިދުކުރުމުންނެވެ.

comment ކޮމެންޓް