މެންޗެސްޓާ ޔުނައިޓެޑާ އަލަށް ގުޅުނު ޑެންމާކް ފޯވަޑް ރަސްމުސް ހޮއިލުންޑް ވެސް، އޭނާއަކީ އެ ކްލަބަށް އަގުހުރި ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.
އެޓަލާންޓާއަށް ކުޅެމުންދިޔަ އުމުރުން 20 އަހަރުގެ ހޮއިލުންޑް، ޔުނައިޓެޑާ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން 72 މިލިއަން ޕައުންޑް (92 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އޭނާއާ މެދު ޔުނައިޓެޑުގެ ކޯޗު ޓެން ހާގް ބޮޑެތި އުންމީދުތަކެއް ކުރެއެވެ.
"އަހަރެން ގަބޫލުކުރަނީ ހޮއިލުންޑްގެ ކިބައިގައި އެ ފެންވަރު އެބަހުރި ކަމަށް. އޭނާއަކީ ގޯލާ ރައްޓެހި، ބޯޅަ ހޯދުމަށް މަސައްކަތްކުރާ، ފިޒިކަލީ ވެސް ރަނގަޅު ކުޅުންތެރިއެއް. އަހަރެން ދެކެނީ އޭނާއަކީ ޔުނައިޓެޑަށް ބޭނުންވާނެ ފަދަ ކުޅުންތެރިއެއް ކަމަށް. ނަމަވެސް އޭނާ ޖެހޭނެ އެކަން ސާބިތުކޮށްދޭން،" ޔުނައިޓެޑުގެ ކޯޗު ޓެން ހާގް ބުންޏެވެ.
ޓެން ހާގް ބުނީ ޔުނައިޓެޑުގެ ކޮންމެ ކުޅުންތެރިޔަކު ވެސް ވާން ޖެހޭނީ ގޯލު ޖެހުމަށް ބުރަ މަސައްކަތެއްކޮށް މެޗުތައް ކާމިޔާބުކޮށްދޭނެ ފަދަ ކުޅުންތެރިޔަކަށް ކަމަށާއި އެ ކުޅުންތެރިން ވާން ޖެހޭނީ މުބާރާތްތައް ކާމިޔާބުކުރުމަށް އަބަދުވެސް މަސައްކަތްކުރާ ކުޅުންތެރިންނަށް ކަމަށެވެ.
ހޮއިލުންޑް އަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޮސްޓްރިއާގެ އެސްކޭ ސްޓާމް ގްރާޒް އިން 15 މިލިއަން ޕައުންޑް (19 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން އެޓަލާންޓާއާ ގުޅުނު ފޯވަޑެކެވެ. ހޮއިލުންޑްއަށް މިދިޔަ ސީޒަނުގައި ކުޅުނު 34 މެޗުން ދިހަ ގޯލު ޖެހުނު ނަމަވެސް، ޔުނައިޓެޑުގެ ކޯޗު ޓެން ހާގް ވަނީ ހޮއިލުންޑްއަށް އިތުބާރު ކުރުމަށް ނިންމައިފައެވެ. ޔުނައިޓެޑަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ވެސް ސްޓްރައިކަރެކެވެ.
ހޮއިލުންޑްއަށް ޑެންމާކް ގައުމީ ޓީމުން ފުރުސަތު ލިބެން ފެށީ މިދިޔަ އަހަރުއެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން އޭނާ ވަނީ ހަ ގޯލު ޖަހައިފައެވެ.