ރިޔާސީ އިންތިޚާބާ ގުޅިގެން މިހާތަނަށް 34 މީހުން ރެކޯޑް ސާފުކުރުމަށް ހުށަހަޅާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ން ބުނެފިއެވެ.
ޑީޖޭއޭ އިން ބުނީ އިންތިޚާބަށް ރެކޯޑް ސާފުކުރުމަށް ހުށަހެޅި މީހުންގެ ތެރެއިން 32 މީހެއްގެ ރެކޯޑް ސާފުކޮށް މިއަދު އިރޮއޮއްސުމުގެ ކުރިން ހަވާލުކޮށްފައިވާކަމަށެވެ. އަދި މިހާރު ނުނިމި އޮތް ދެ ފޯމް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ރެކޯޑް ސާފުކުރަނީ އޮޓަމޭޓެޑް ސެންޓަރަލް ޑާޓާ ބޭސްއަކުން ކަމުގައި ނުވާތީ ރާއްޖޭގެ ހުރިހާ ކޯޓަކުން ވަކިވަކިން ރެކޯޑްް ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއްކަން ޑީޖޭއޭ އިން ފާހަގަކުރިއެވެ. އެހެންކަމުން ފޯމު ހުށަހަޅާ އެންމެން ވެސް އެކަމަށް ސަމާލުކަން ދިނުމަށް ޑީޖޭއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރިޔާސީ އިންތިޚާބަށް ރެކޯޑް ސާފުކުރަން ހުށަހެޅުމުގެ ފުރުސަތު މިރޭ 21:00 ގައި ވަނީ ބަންދުވެފައެވެ.
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 14:00 އަށް ހަމަވާނެއެވެ. އެގޮތުން މިހާތަނަށް ކެންޑިޑެސީ ފޯމް ހުށަހަޅާފައިވަނީ ހަތަރު ބޭފުޅެކެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ އިތުރުން އެމްއެންޕީގެ ރައީސް ރިޓަޔާޑް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ވަނީ ތާއީދުކޮށްފައެވެ.