އުދަ އެރުން: ޒަރޫރީ ބޭނުންތަކަށް ނޫނީ ބުރިޖަށް ނާރަން އިލްތިމާސްކޮށްފި

ސިނަމާލެ ބުރިޖާއި ހައިވޭ ގުޅޭ ސަރަހައްދަށް އުދަ އަރާފައި -- ފޮޓޯ/ ފުލުހުން

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އޮތުމުން، މެންދުރުފަހު ތިނެއްގެ ފަހުން ޒަރޫރީ ބޭނުންތަކަށް ނޫނީ ބުރިޖަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، ތިނެއްގެ ފަހުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް އޮތް ނަމަ ހަތަރު ފުރޮޅުލީ އުޅަނދަކުން ދަތުރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދެއްވާ، މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެ އާ ދެމެދު ޒަރޫރީ ދަތުރުތައްވެސް ކުރައްވާއިރު، ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ޚިދުމަތް ހިޔާރު ކުރައްވާ،" ފުލުހުން ބުންޏެވެ.

އިއްޔެ ވެސް ސިނަމާލެ ބުރިޖަށް އުދަ އެރުމާ ގުޅިގެން، ސައިކަލުގައި ބުރިޖު މަތިން ދަތުރުނުކުރުމަށް ފުލުހުން އެދުނެވެ.

މެޓް އޮފީހުން ވަނީ މިއަދު ވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ރަށްރަށަށް ދިޔަވަރު ބޮޑުވާ ވަގުތުތަކަށް ބަލާއިރު، އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު 02:53 ހާއިރެވެ. އަދި މެދު ރާއްޖެ ތެރެއަށް މެންދުރު ފަހު 3:46ގައި ދިޔަވަރު ބޮޑުވާ އިރު، ދެކުނުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ ހަވީރު 04:45 ހާއިރެވެ.

އިއްޔެ ރާއްޖޭގެ ރަށްތަކަށް އުދަ އެރުމާ ގުޅިގެން އެ އިދާރާއިން ބުނީ، ރާޅު ބޮޑެތިކޮށް އުދައެރީ ބޮޑު ދިޔައިގައި ރާއްޖޭގެ އޮޔާއި ވަޔާއެކު ރާޅު ބާނި ބޮޑުވުމުން ކަމަށެވެ. އެގޮތުން ރާޅު ބާނި ހަ ފޫޓާއި އަށް ފޫޓާ ދެމެދުގެ އުސްމިނަކަށް އުފުލުނު ކަމަށް އެ އޮފީހުން ބުނެއެވެ.

އުދަ އަރާފާނެ ކަމަށް ކުރިއާލާ ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާއި ސިފައިންނާއި މެޓް އޮފީހުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް