ރައިސްގެ ބަދަލުގައި ވެސްޓް ހާމުން މެކްޓޮމިނޭ ގެންދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޓްލެންޑް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ -- ފޮޓޯ/ ގެޓީ

އާސެނަލާ ގުޅުނު ޑެކްލެން ރައިސްގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޓްލެންޑް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ހޯދުމަށް ވެސްޓް ހާމް ޔުނައިޓެޑުން މަސައްކަތްތައް ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މެކްޓޮމިނޭ ގެންދިއުމަށް ވެސްޓް ހާމުން މިހާރު ވަނީ ޔުނައިޓެޑާއެކު މަޝްވަރާތައް ފަށައިފައެވެ. ޔުނައިޓެޑުން މެކްޓޮމިނޭއަށް ބޭނުންވަނީ 40 މިލިއަން ޕައުންޑް (50 މިލިއަން ޑޮލަރު)ގެ އަގެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޮކްޓޮމިނޭއަކީ ވެސްޓް ހާމްގެ ކޯޗު ޑޭވިޑް މޮޔެސް ވަރަށް ޝައުގުވެރިވާ ކުޅުންތެރިއެކެވެ. އަދި ކުރިއަށްއޮތް ސީޒަނުގައި ވެސްޓް ހާމުން ސްކޮޑު ވަރުގަދަކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް ކުޅުންތެރިޔަކީ މެކްޓޮމިނޭއެވެ. އަނެއްކޮޅުން ޔުނައިޓެޑުން ދަނީ ފިއޮރެންޓީނާގެ މޮރޮކޯ މިޑްފީލްޑަރު ސޮފްޔާން އަމްރަބާތު ގަތުމަށް ފައިސާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ވެސްޓް ހާމުން މެކްޓޮމިނޭ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދަނީ މިދިޔަ ސީޒަނަށްފަހު، އެ ކްލަބުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ރައިސް، އާސެނަލާ ގުޅުމުން އޭނާގެ ބަދަލުގައި މިޑްފީލްޑަރެއް ބޭނުންވާތީއެވެ. މިދިޔަ ސީޒަނުގައި އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް 39 މެޗު ކުޅުނު މެކްޓޮމިނޭ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ.

އުމުރުން 26 އަހަރުގެ މެކްޓޮމިނޭ މިހާރު ދަނީ ޔުނައިޓެޑާއެކު ތަމްރީނުތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން އެތުލެޓިކް ކްލަބާ ދެކޮޅަށް މިއަދު ކުޅޭ އެކުވެރިކަމުގެ މެޗުގައި ޔުނައިޓެޑުން އޭނާ ފެނުން ގާތެވެ.

comment ކޮމެންޓް