ހީވީ ސުނާމީގެ ރާޅެއް ހެން، މިއީ ނުރައްކަލުގެ ރަނގަބީލެއް؟

ސިނަމާލެ ބުރިޖް ކައިރިއަށް މިއަދު ބޮޑު ރާޅު އެރުން --

އިއްޔެ ހަވީރު މާލެއަށް އުދަ އެރީ މީގެ ކުރިން ދުވަހަކު ވެސް އުދަ ނާރާ ފަދަ ގޮތަކަށެވެ. ބްރިޖު މަތިން ބޮޑު ރާޅެއް ނަގާ ބިންދާލި އިރު އެ ސަރަހައްދުން ސައިކަލުގައި ދިޔަ މީހުނަށް ވެސް ރާޅުގެ ސަބަބުން އަނިޔާވިއެވެ.

މި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވިއިރު މީހުން އެ އުދަ ސިފަ ކުރީ ސުނާމީ ރާޅެއްގެ ގޮތުގައެވެ. އެތައް ބައެއްގެ ހިތުގައި މިކަމުން ބިރުވެރިކަން އުފެދުނު އިރު، ގިނަ ބަޔަކު އުފެއްދި ސުވާލަކީ ބިޔަ ރާޅަކާ އެކު އުދައެރީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ތޯއެވެ؟ އަދި މިއީ ނުރައްކަލުގެ ރަނގަބީލެއް ތޯ ވެސް އެތައް ބަޔަކު ސުވާލު އުފެއްދިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދަރާ (މެޓް) އޮފީހުން ވެސް އިއްޔެ އެރި އުދަ ސިފަކުރީ އާދަޔާ ޚިލާފު ރާޅެއްގެ ގޮތުގައެވެ. މެޓް އޮފީހުގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އިންޑިއާ ކަނޑުގެ ވޭވް ޕެޓާނަށް މިހާރު ބަދަލުތަކެއް އައިސްފައި ވާކަމަށެވެ. އަދި ކަނޑު މަޑުވެފައި ރާޅު ކުޑަކޮށް ހުރި ނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި އުދަ އަރަނީ ބާނި ބޮޑުވުމުން ކަމަށް އެ އިދާރާއިން ބުންޏެވެ.

https://sun.mv/180414

އެގޮތުން އިއްޔެ ބާނީގައި ގާތްގަނޑަކަށް 2.5 މީޓަރު ހުރިކަން މެޓް އޮފީހުން ފާހަގަކުރިއެވެ. ނަމަވެސް މިފަދައިން އުދަ އެރުމަކީ ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ކަމެއް ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިހާރާއި ކުރިއާ އަޅާ ކިޔައި އޭނާ ވިދާޅުވީ، ކުރިން އުދަ އަރާ ވަކި މޫސުމެއް އޮންނަ ކަމަށެވެ. ނަމަވެސް މިހާރު އުދަ އެރުމަކީ އާންމު ކަމެއް ކަމަށާއި އެއީ މޫސުމީ ބަދަލަކަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު އަޅުގަނޑުމެނަކަށް ނުބުނެވޭނެ މިހެން ބިޔަ ރާޅަކާ އެކު އުދަ މި އެރީ ނުވަތަ އުދަ އެރުން އާންމުވެފަ މި ވަނީ ތިމާވެއްޓަށް އަންނަ ބަދަލަކުންނެކޭ. އެކަމާ ގުޅޭ ރިސާޗެއް އަދި ހެދިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ކިމަކާ ގުޅިގެން ތިމާވެށީގެ ދާއިރާއިން ތައުލީމު ހާސިލް ކުރައްވާފއިވާ ޑރ. އިބްރާހީމް މުހައްމަދު ވެސް ވިދާޅުވީ މިއީ ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވި ކަމެއްގެ ގޮތުގައި ނުބެލޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އުދަ އެރި ވަގުތު އެހާ ބޮޑެތި ރާޅު ނެގީ ބާނި ބޮޑުވެފައި ދިޔަވަރު ވެސް ބޮޑުވި ވަގުތު ވީމަ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިންޑިއާ ކަނޑުގެ ދުރު ހިސާބަކަށް ބިންހެލުމެއް އައިސްފި ނަމަވެސް މިފަދައިން ބިޔަ ރާޅު ނަގާ އުދައެރުން އެކަށީގެން ވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އުދަ އެރީ ދުރު ހިސާބަކަށް އައި ތޫފާނެއްގެ ސަބަބުން ކަމުގައި ވާނަމަ، އެތައް އިރެއް ވަންދެން އުދަ އަރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އިއްޔެ އުދަ އެރީ ހަމަ ދިޔަވަރު ބޮޑުވި ވަގުތު. 5:30 ނޫނީ 5:00 ހާއިރު ހުއްޓާލައިފި. އެހެން ވީމަ ހިޔެއް ނުވޭ މީ އެކަހަލަ ކަމެއްގެ ސަބަބުން ވީ ކަމެއް ކަމަކަށް. އެހެން ވެއްޖެ ނަމަ މިސާލަކަށް ހެނދުނުން ފެށިގެން ހަވީރު ވަންދެން ވެސް އުދަ އަރާފާނެ. އެކަމަކު މެޓް އޮފީހުން ވެސް ބުނެފައެއް ނެތް ދުރު ހިސާބަކަށް ތޫފާނެއް އެއްޗެއް އައި ކަމަކަށް ވެސް،" ޑރ. އިބްރާހީމް ވިދާޅުވިއެވެ.

އެހެންކަމުން ލަފާކުރެވެނީ އިއްޔެ އުދަ އެރީ ބާނި ބޮޑުވެފައި ދިޔަވަރު ވެސް ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އުދަ އެރުން ގިނަވެ، ރަށް ގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށެވެ.

"އެކަމަކު މިހާރު މި ދިމާވެގެން އުޅޭ އިވެންޓް ވަރަށް އުނދަގޫ ވާނެ ކީއްވެގެންކަން ބުނަން. އެކަމަށް ރިސާޗެއް ހެދިފައެއް ނެތް،" ރާއްޖޭގައި ތިމާވެށީގެ ރިސާޗްތައް ހެދޭ މިންވަރު މަދުކަން ފާހަގަކޮށް ޑރ. އިބްރާހީމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މާލެއަށް ވަރަށް ބޮޑަށް އުދައަރާފައި ވެއެވެ. އެގޮތުން ސިނަމާލެ ބްރިޖް އެންމެ ފުރަތަމަ ހުޅުވާލި ދުވަސްވަރު އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގެ ޕްރޮޓެކްޝަން ވެސް އިތުރުކުރިއެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު ވެސް ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި އުދަ އެރުން އެކަށީގެން ވެއެވެ. އެގޮތުން އުދައަރާފާނެ ކަމަށް ސަމާލުވުމަށް މެޓް އޮފީހާއި އެހެން އިދާރާތަކުން ވެސް ވަނީ އެދިފައެވެ.

comment ކޮމެންޓް