އެކްޓިވިޓީ ޔުނީފޯމްގެ ޝަކުވާ، ހައްލުނުވާ މައްސަލައެއް

އިސްކަންދަރު ސްކޫލުގައި ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން --- ފޮޓޯ/ އިސްކަންދަރު ސްކޫލް

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު ރެއާއި މިރޭ ވެސް ޔުނީފޯމު ވިއްކާ ފިހާރަތައް ވަނީ ތޮއް ޖެހިފައެވެ. ސްކޫލު ފެށެން އެއް ދުވަހަށް ވެފައި ވާއިރު ޔުނީފޯމު ގަންނަ ކިޔު މިހާ ބޮޑުވުން ބައެއް މީހުން ސިފަ ކުރަނީ ބެލެނިވެރިންގެ ފަރުވާ ކުޑަ ކަމުން ވާ ކަމެއްގެ ގޮތުގައެވެ. މިހެން ހީ ނުކުރާންވީ ސަބަބެއް ވެސް ނެތެވެ. އެންމެ ފަހު ވަގުތު ކަންތައްތައް ކުރަން މަޑުކުރުމަކީ ދިވެހިންގެ ސަގާފީ އާދައެކެވެ.

ނަމަވެސް ދަރިވަރުންގެ ޔުނީފޯމު ގަންނަން ފިހާރަތަކުގައި ތޮއްޖެހެނީ މި ސަބަބާ ހުރެއެއް ނޫނެވެ. މިއީ މުޅިން އެހެން ވާހަކައެކެވެ. މިކަމުގައި ބެލެނިވެރިންގެ ޝަކުވާ ވެސް އެހާ ބޮޑެވެ.

ސޯޝަލް މީޑިއާގައި ބެލެނިވެރިން ހިއްސާކޮށްފައި ވާގޮތުގައި ކޮންމެ އަހަރަކު ވެސް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ލިބެނީ ސްކޫލު ހުޅުވެން ކުޑަ ދުވަސްކޮޅަކަށް ވުމުންނެވެ. އަދި ޔުނީފޯމް ލިބޭ އިރު ވެސް ހުރިހާ ސައިޒެއް ނުލިބޭ ކަމަށް ބެލެނިވެރިން ބުނެއެވެ.

ސްކޫލުތަކުން ޔުނީފޯމު ސަޕްލައި ކުރުން ފިހާރަތަކާއި ކުންފުނިތަކާ ހަވާލުކޮށްގެން ކުރާއިރު، ބެލެނިވެރިން ބުނާ ގޮތުގައި މާލޭގެ އެންމެ ބޮޑެތި ސްކޫލުތަކުގެ އެކްޓިވިޓީ ޔުނީފޯމް ސަޕްލައި ކޮށްދެނީ އެންމެ ފިހާރައަކުންނެވެ. އަދި ޑިމާންޑާ އެއްވަރަށް އެ ތަންތަނުން ސަޕްލައި ނުކުރެވޭތީ ސްކޫލު ހުޅުވޭތާ އެތައް ދުވަހެއް ވާއިރު ޔުނީފޯމް ނުލިބޭ ފަހަރު ވެސް އާދެއެވެ. އެމީހުން ސިފަ ކުރާ ގޮތުގައި މިއީ މިކަން ކުރަންވާ ގޮތައް މެނޭޖް ނުކުރެވުމުން ދިމާވާ މައްސަލައެކެވެ.

ބައެއް ސްކޫލުތަކުން އާދަވެގެން ޔުނީފޯމަށް ބަދަލު ގެނައުމަކީ ވެސް ބެލެނިވެރިންނަަށް އެކަމުގެ އުނދަގޫ ތަހަންމަލް ކުރަން ޖެހޭ ކަމެކެވެ.

"ސަރުކާރު ސްކޫލުތަކުން ވެސް އަބަދު ހެން ޔުނީފޯމާ އެކްޓިވިޓީ ޔުނީފޯމަށް ބަދަލު ގެނޭ. އޭރުން ކުރިން ބޭނުން ކުރި އެއްޗިހި ކިތަންމެ އަލަސް ވަނީ ބޭކާރު،" ޔުނީފޯމު ސަޕްލައި ކުރުމުގައި ދިމާވާ ގޮންޖެހުންތައް އެއްކިބައިގައި އޮއްވާ ކުރިން ބޭނުން ކުރި ޔުނީފޯމް ވެސް ބޭނުން ނުކުރެވުމަކީ ބެލެނިވެރިން ސިފަ ކުރާ ގޮތުގައި ވަރަށް ބޮޑު ދައްޗެކެވެ.

މިފަހަރު އެންމެ ޑިމާންޑް ބޮޑުވީ ފޭސް ދޭއްގެ ސްކޫލު ދަރިވަރުންގެ ޔުނީފޯމު ތަކަށެވެ. ފޭސް ދޭއްގެ ސްކޫލު ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ އެ ސްކޫލުގެ ޔުނީފޯމް ލިބެން ފެށީ މީގެ ހަފުތާއެއް ކުރިން ކަމަށެވެ. އަދި ކޮންމެ ދުވަހަކު ކިއުގައި ޖެހިގެން ޔުނީފޯމް ހޯދަން މަސައްކަތް ކުރި ނަމަވެސް، ސައިޒް ހުސްވެ ޔުނީފޯމް ނުލިބޭކަމަށް އޭނާ ބުންޏެވެ.

"އަނެއްކާ ވެސް ރީސްޓޮކް ކުރީމަ ދާން ވީ ހަމަ ކިއުއަށް،" އޭނާ ބުންޏެވެ.

ބައެއް ބެލެނިވެރިންނަކީ ކޮންމެ އަހަރަކު ހުރިހާ ކުދިންނަށް އާ ޔުނީފޯމް ގަނެވޭ ވަރަށް މާލީ ގޮތުން ތަނަވަސް ބައެއް ނޫނެވެ. ނަމަވެސް މިކަން މިހެން ދިމާވާތީ އެމީހުނަށް ވެސް ޔުނީފޯމު ގަތުން ނޫން ގޮތެއް ނޯވެއެވެ. މިއީ ވެސް ބެލެނިވެރިންގެ އުދާހެކެވެ.

މިކަން މިހެން ހިނގާތާ އެތައް އަހަރެއް ވެއްޖެއެވެ. ބެލެނިވެރިންގެ އުންމީދަކީ މި މައްސަލައަށް ހައްލެއް ލިބުމެވެ.

comment ކޮމެންޓް