ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި

އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީއާ ގުޅޭ މައްސަލައިގެ އަޑުއެހުމުގައި ޔާމީން --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގެ ހުކުމް ކުރުން ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް މާދަމާއަށް ތާވަލުކުރި އިރު، އިއްޔެ ވަނީ އަޑުއެހުންތައް އެއްކޮށް ނިންމާލާފައެވެ. އެމައްސަލައަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތް ތަދައްޚުލު ކޮށްފައެވެ. އަދި ޕީޕީއެމުން ވަނީ އެ މައްސަލައަށް ތަދައްޚުލުވެފައެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ޔާމީންގެ ވަކީލުންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ގާނޫނު އަސާސީގައި ރައީސްގެ ޝަރުތުތައް ކަނޑައަޅާ މާއްދާގެ އަކުރު ޅ.ގައި "ހުކުމެއް" ކަމަށް ލިޔެފައި އޮންނަ އޮތުން މާނަކުރަން ޖެހޭނީ، އިސްތިއުނާފުގެ ހުރިހާ މަރުހަލާތައް ކަޑައްތުކޮށްފައިވާ، ނިހާއީ ހުކުމެއްގެ ގޮތުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަނީ އެގޮތަށް ގާނޫނު މާނަކޮށްފިނަމަ، ނުކުންނާނެ ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ. އަދި، އެ މާއްދާގައިވާ ޝަރުތުގެ އިތުރުން، ސާބިތު ދަރަންޏެއް އޮތުމުން ވެސް ރައީސް ޔާމީނުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ފާހަަގަކުރި ދަރަންޏަކީ އާރަށު މައްސަލައިގައި ކުރި ހުކުމުގެ ދުވަސްކޮޅެއް ފަހުން، ޔާމީންގެ މައްޗަށް ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ސާބިތު ދަރަނީގެ މައްސަލަައިގެ ވާހަކަ ހިމަނާފައިވާ ލިޔުން އީސީން ފޮނުވާފައިވަނީ އެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ހުކުމުން ފައިސާ ދައްކަން ޖެހޭކަން ސާފުވި ނަމަވެސް އެ ފައިސާ ދައްކަން ޖެހޭ ވަކި ތާރީޚެއް އެނގެން ނެތް ކަމަށެވެ.

ގާތްގަނޑަކަށް އަށް ގަޑިއިރަށް ދެމިގެން ދިޔަ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު މުހައްމަދު މުއުތަސިމް އަދުނާނު ވިދާޅުވީ، އަޑުއެހުންތައް ކުރިއަށް ދިޔައީ، އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ އަޑު އިއްވުމަށް ވެސް ފުރުސަތު ދީގެން ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ހުކުމް ކުރުން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް މާދަމާ އިއްވާއިރު، އެމަނިކުފާނަށް އިންތިހާބަށް ކުރިމަތިނުލެއްވިއްޖެ ނަމަ ދެން ހަދާނެ ގޮތަކާމެދު، ޕީޕީއެމްގެ ތެރޭގައި ވަނީ ބައިބައިވުން އުފެދި، މައްސަލަ ހޫނުވެފައެވެ.

comment ކޮމެންޓް