އެޓަލާންޓާގެ ޑެންމާކް ފޯވަޑް ރަސްމުސް ހޮއިލުންޑް، މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
ހޮއިލުންޑް ސޮއިކުރިކަން އިއުލާންކުރުމުގެ ކުރިން އޭނާ ވަނީ މިދިޔަ އަންގާރަ ދުވަހު ޔުނައިޓެޑުގެ މެޑިކަލްގައި ބައިވެރިވުމަށް މެންޗެސްޓާއަށް ގޮސްފައެވެ. އުމުރުން 20 އަހަރުގެ ހޮއިލުންޑް، ޔުނައިޓެޑާ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން 72 މިލިއަން ޕައުންޑް (92 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
ޔުނައިޓެޑުގައި ހޮއިލުންޑް ފެނިގެންދާނީ ގައުމީ ޓީމުގައި އޭނާއާއެކު ކުޅެމުންދާ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއާ އެކުގައެވެ. އެރިކްސަން ވެސް ވަނީ ހޮއިލުންޑްގެ ފެންވަރާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.
"ހޮއިލުންޑް އަކީ ވަރަށް މޮޅު ސްޓްރައިކަރެއް. ފާއިތުވެދިޔަ އަހަރުތަކުގައި އޭނާ ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި. އަހަރެންނަށް ގައުމީ ޓީމުން އޭނާ ފުރަތަމަ ދިމާވި އިރަށްވުރެ، މިހާރު ފެންވަރުގެ ގޮތުން މާ މޮޅު،" އެރިކްސަން ބުންޏެވެ.
ހޮއިލުންޑް އަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޮސްޓްރިއާގެ އެސްކޭ ސްޓާމް ގްރާޒް އިން 15 މިލިއަން ޕައުންޑް (19 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން އެޓަލާންޓާއާ ގުޅުނު ފޯވަޑެކެވެ. ހޮއިލުންޑްއަށް މިދިޔަ ސީޒަނުގައި ކުޅުނު 34 މެޗުން ދިހަ ގޯލު ޖެހުނު ނަމަވެސް، ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ވަނީ ހޮއިލުންޑްއަށް އިތުބާރު ކުރުމަށް ނިންމައިފައެވެ. ޔުނައިޓެޑަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ވެސް ސްޓްރައިކަރެކެވެ.
ހޮއިލުންޑްއަށް ޑެންމާކް ގައުމީ ޓީމުން ފުރުސަތު ލިބެން ފެށީ މިދިޔަ އަހަރުއެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން އޭނާ ވަނީ ހަ ގޯލު ޖަހައިފައެވެ.