މާވަރުލު އެއާޕޯޓުގެ ރޭގަނޑު ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: ރިޒްވީ

ގދ. މާވަރުލު އެއާޕޯޓް -- ސަން ފޮޓޯ

ގދ. މާވަރުލަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޭގަނޑު ފްލައިޓްތައް އޮޕަރޭޓް ކުރަން ފެށޭނެކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާވެއްޖެއެވެ.

ހއ. ހޯރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތަށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޒްވީ ވިދާޅުވީ މާވަރުލު އެއާޕޯޓުގެ ރަންވޭ ލައިޓުގެ މަސައްކަތްތައް ފެށި ވަރަށް އަވަހަށް ރޭގަނޑުގެ ފްލައިޓްތައް ފެށޭނެކަމަށެވެ.

"އަދި މި ފުރުސަތުގައި މާވަރުލު އެއާޕޯޓުގެ ރަންވޭލައިޓްގެ މަސައްކަތް ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި [ފެށި] ރޭގަނޑުގެ ފްލައިޓްތައް ފެށިގެންދާނެ ކަން ފާހަގަ ކޮއްލަން" ރިޒްވީ ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުގެ އަމިއްލަ މަސައްކަތުން ހުޅުވި ފުރަތަމަ އެއާޕޯޓު ކަމުގައިވާ ހޯރަފުށި އެއާޕޯޓަކީ، އިހަވަންދިއްޕޮޅުގެ އެންމެހާ ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމް ލުއިފަސޭހަ ކޮށްދިން އެއާޕޯޓެއް ކަމަށެވެ.

އެ އެއާޕޯޓަށް ލިބެމުންދާ ކާމިޔާބީތައް ފާހަގަކޮށް އެމްޑީ ވިދާޅުވީ އެއާޕޯޓް ހުޅުވި ދުވަހުން ފެށިގެން މިއަދާހަމައަށް 1500 ފްލައިޓުގައި ބައިލައްކައަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށެވެ. މީގެ އިތުރުން، 10 ޓަނުގެ ކާގޯ އުފުލިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހޯރަފުށީ އެއާޕޯޓަށް މިވަގުތު ޖައްސަމުންދަނީ މޯލްޑިވިއަން އަދި މަންތާގެ ފްލައިޓްތަކެވެ. އެ އެއާޕޯޓްގެ އިތުރުން ރީޖަނަލް އެއާޕޯޓްސް އިން މިވަގުތު އިތުރު ހަ އެއާޕޯޓެއް އޮޕަރޭޓް ކުރަމުންދާކަން ރިޒްވީ ފާހަގަކުރެއްވިއެވެ.

ހޯރަފުށީ އެއާޕޯޓަކީ 1،200 މީޓަރުގެ ދިގު އަދި 35 މީޓަރު ފުޅާ ރަންވޭއެއް އޮންނަ، އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެކެވެ. ގދ. މާވަރުލު އެއާޕޯޓަކީ 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭ އެއް އޮންނަ އެއާޕޯޓެކެވެ. މި ދެ އެއާޕޯޓުވެސް ތަރައްޤީ ކޮށްފައިވަނީ އެމްޓީސީސީންނެވެ.

comment ކޮމެންޓް