އުރީދޫ މަސްރޭސް ފަށައިފި

އުރީދޫ މަސްރޭސް މުބާރާތެއްގެ ތެރެއިން--ފޮޓޯ: އުރީދޫ

ކޮންމެ އަހަރަކު ވެސް ފޯރިގަދަކޮށް ބާއްވާ އުރީދޫ މަސްރޭހުގެ މި އަހަރުގެ މުބާރާތް މާލޭގައި ފަށައިފިއެވެ.

މި ފަހަރުގެ މާލޭ މުބާރާތުގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެއެވެ. ޓީމުތައް މެންދުރު 2:30 ގައި މަސްވެރިންގެ ޕާކުން މަހަށް ފުރާފައި ވާއިރު، މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް މިރޭ 9ގެ ކުރިން އަންނާނެއެވެ.

އެއަށް ފަހު 10 ޖަހާއިރު ކުރިއަށް ދާނީ މަސް ކިރުމާއި އެވޯޑު ކުރުމުގެ ހަފުލާއެވެ.

މާލޭގެ އިތުރުން މިފަހަރުގެ މުބާރާތް ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ވެސް ކުރިއަށްދެއެވެ. އެ ސަރަހައްދުތަކުގައި ވެސް މި މަހުގެ ތެރޭގައި މުބާރާތް ބާއްވާނެއެވެ.

  • ކުޅުދުއްފުށި: އޮގަސްޓް 11
  • އައްޑޫ: އޮގަސްޓް 18
  • ފުވައްމުލައް: އޮގަސްޓް 25
  • މާލެއިން ބައިވެރިވާ ޓީމްތަކުގެ އިތުރުން، ކުޅުދުއްފުށިން 23 ޓީމާއި
  • އައްޑޫން 13 ޓީމާއި، ފުވައްމުލަކުން 13 ޓީމް އެ މުބާރާތުގައި ވާދަކުރެއެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކޮންމެ ސަރަހައްދަކުން ތިރީގައިވާ ވަނަތައް ހޮވާނެއެވެ.

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެވަނަ ޓީމް: 10،000 ރުފިޔާ
  • ތިންވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ކެޔޮޅު (އަންހެން/ ފިރިހެން): 1000 ރުފިޔާ

މި ފަަހަރުގެ މަސްރޭސް ބާއްވަނީ އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. ޖުމްލަ 83 ޓީމާ އެކު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތެވެ.

comment ކޮމެންޓް