ބާސެލޯނާ އިން އައިވަރީ ކޯސްޓް މިޑްފީލްޑަރު ފްރޭންކް ކެސީ ވިއްކާލުމަށް ސައުދީ އަރަބިއާގެ އަލް އަހްލީއާއެކު އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އަލް އަހްލީން ވަނީ ކެސީ ހޯދުމަށް ބާސާއަށް ބިޑެއް ހުށަހަޅައިފައެވެ. އަދި އަލް އަހްލީން ހުށަހެޅުމެއް ހުށަހަޅާފައިވަނީ ބާސާ އިން ވެސް އޭނާ ވިއްކާލުމަށް ބޭނުންވެފައިވަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބާސާ އިން އަލް އަހްލީއަށް ކެސީ ވިއްކާލުމަށް އެއްބަސްވެފައިވަނީ 13 މިލިއަން ޕައުންޑް (16 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓުގެ ދަށުން ކެސީއަށް އަލް އަހްލީން މުސާރައިގެ ގޮތުގައި ކޮންމެ ސީޒަނަކަށް 17 މިލިއަން ޕައުންޑް (22 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރު އޭސީ މިލާނުން ގެނައި ކެސީގެ އިތުރުން ބާސާއަށް ވަނީ ފްރާންސް ފޯވަޑް އޮސްމާން ޑެމްބެލޭއަށް ވެސް ހުށަހެޅުމެއް ލިބިފައެވެ. ޑެމްބެލޭއަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ހުށަހެޅުމެއް ލިބިފައިވާ އިރު، އޭނާ އެ ކްލަބާ ގުޅުމާ ގާތަށް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބާސާ އިން ކުޅުންތެރިންތަކެއް ވިއްކާލުމަށްފަހު މިހާރު އެ ކްލަބުން އެންމެ ބޮޑަށް މަސައްކަތްކުރަނީ މެންޗެސްޓާ ސިޓީގެ ޕޯޗުގަލް ޑިފެންޑަރު ޖޮއާއޯ ކަންސެލޯ ހޯދުމަށެވެ.