ދާދި ފަހުން ފުލަހަމްގެ ކޮންޓްރެކްޓް އާކުރި ބްރެޒިލް ފޯވަޑް ވިލިއަން، ސައުދީ އަރަބިއާގެ އަލް ޝަބާބްއާ ގުޅުމަށް އެއްބަސްވެއްޖެއެވެ.
ވިލިއަން ވަނީ އިތުރު އެއް ސީޒަނަށް ފުލަމްގައި މަޑުކުރުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވަނީ ސައުދީއަށް ދިއުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ސައުދީގެ އަލް ޝަބާބްއާ މަޝްވަރާކޮށް، މިހާރު އެ ކްލަބާ ގުޅުމަށް ވިލިއަން ވަނީ އެއްބަސްވެފައެވެ. އަލް ޝަބާބާއެކު ހަދާ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް އިނގިރޭސިވިލާތުން ލިބޭ މުސާރައިގެ ދެ ގުނަ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 34 އަހަރުގެ ވިލިއަން ވަނީ މިދިޔަ ސީޒަނުގައި ފުލަމަށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ފަސް ގޯލާއި ހަ އެސިސްޓް ހަދައިފައެވެ. ވިލިއަންއަކީ މުހިންމު ކުޅުންތެރިޔަކަށް ވުމުން، ބޮޑު ޓްރާންސްފާ ފީއެއް ފުލަމުން ބޭނުންވާނެ ކަމަށް ބެލެވެއެވެ.
ވިލިއަންގެ އިތުރުން ވެސް ސައުދީން ވަނީ ފުލަމްގެ ސާބިއާ ފޯވަޑް އެލެކްސެންޑާ މިޓްރޮވިޗް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިޓްރޮވިޗް ވެސް ވަނީ އޭނާ ސައުދީގެ އަލް ހިލާލްއާ ގުޅެން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ފުލަމްގެ ކޯޗު މާކޯ ސިލްވާއަށް ސައުދީގެ އަލް އަހްލީން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އޭނާ ވަނީ ފުލަމްގައި މަޑުކުރުމަށް ނިންމައިފައެވެ.
މީގެ ކުރިން ޗެލްސީން ވިދާލި ވިލިއަން ހޯދުމަށް އަލް ޝަބާބުން ރަސްމީކޮށް ފުލަމަށް އަދި ބިޑެއް ހުށަހަޅައިފައެއް ނުވެއެވެ. ނަމަވެސް ވިލިއަން އެކަމަށް އެއްބަސްވުމުން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އަލް ޝަބާބުން ބިޑެއް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.