އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ, ޖިނާއީ އަބުރުގެ މައްސަލައެއްގައި ދެ އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް އެ ގައުމުގެ ސުޕްރިމް ކޯޓުން ހުއްޓުވައިފިއެވެ.
ގުޖުރާތުގެ ޑިސްޓްރިކްޓް ކޯޓަކުން ރާހުލް ޖަލަށް ލާން ހުކުމްކުރީ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ކެމްޕޭން ތެރެއިން 'މޯދީ'، އެ ނަމާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެގޮތުން ކުށުގެ ތަފާތު މައްސަލަތަކުގައި ތުހުމަތު ކުރެވޭ މުއްސަނދިން ކަމަށްވާ ނިރަވް މޯދީ އާއި ލަލިތު މޯދީ ފަދަ އެންމެންގެ އާއިލީ ނަމަކަށް 'މޯދީ' ވަނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އެ ހުކުމާއި ގުޅިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ގެއްލި، އޭނާއަށް ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ގެއްލިފައެވެ. ރާހުލް ގާންދީ އައީ ކެރެލާގެ ދެކުނު ސްޓޭޓް, ވަޔަނާޑްގެ މަޖިލިސް މެމްބަރު ކަމުގެ މަގާމް ފުރަމުންނެވެ.
އެހެންނަމަވެސް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރެއް ނެރެފައެވެ. އެއާއެކު އެ މައްސަލަ ނިމެންދެން ރާހުލްގެ މެމްބަރުކަމުގެ ގޮނޑި އާއި އަންނަ އަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ އަނބުރާ ލިބިވަޑައިގެންފައެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނު ހަދާ މަޖިލީހުގެ، ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް ކަމަށްވާ ޕުރުނޭޝް މޯދީއެވެ. އޭނާ ހުށަހެޅި މައްސަލައިގައި ވަނީ ގާންދީގެ ވާހަކަފުޅުގެ ސަބަބުން 'މޯދީ'ގެ ނަން ކިޔާ އެންމެންގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
ރާހުލްގެ ކޮންގްރެސް ޕާޓީން ވަނީ އެ ހުކުމަކީ ގޯސް ހުކުމެއް ކަމަށް ބުނެފައެވެ. އަދި އިދިކޮޅުން ވަނީ މިކަމާ ގުޅިގެން ވެރި ރަށް ދިއްލީގައި މުޒާހަރާ ހިނގާލުމެއްވެސް ބާއްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރާ ދެކޮޅަށް އިތުރު މުޒާހަރާތަކެއް ކުރަން ރާވާފައިވާ ކަމަށް އެ ކޮންގްރެސްއިން ވަނީ ބުނެފައެވެ.