ސުޕްރީމް ކޯޓަށް ކަރަންޓް ދީފި، އަޑުއެހުން ފަށައިފި

ސުޕްރީމް ކޯޓަށް އަނބުރާ ކަރަންޓް ދިނުމާއެކު، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ފަށައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން ސުޕްރީމް ކޯޓް ހިމެނޭ ސަރަހައްދުން ދިޔައީ ކަރަންޓް ކެނޑެމުންނެވެ. ޔާމީންގެ މައްސަލަ 3:00 ގައި ފެށުމަށް ތާވަލް ކޮށްފައިވަނިކޮށް ކަރަންޓް ކެނޑުމުން ދަތިތަކާ ކުރިމަތިވިއެވެ.

ސުޓެލްކޯގެ މީޑިއާ އޮފިޝަލް ދެންމެ "ސަން" އަށް ވިދާޅުވީ މިހާރު ސުޕްރީމް ކޯޓަށް ކަރަންދީ މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

އަޑުއެހުމަށް ރައީސް ޔާމީން ވެސް ވަޑައިގެންފައިވާއިރު މިހާރު އަޑުއެހުން ދަނީ ކުރިއަށެވެ. މިރޭވެސް އަޑުއެހުންތައް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

އެ އަޑުއެހުމަށް ވަނުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްއާއި ސަޕޯޓަރުން މެންދުރު ވަނީ އެ ކޯޓް ސަރަހައްދުގައި ކިޔޫ ހަދައިފައެވެ. އޭގެ ތެރެއިން ބައެއް މީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ޖަލުގައި އޮންނަވައިގެން ޔާމީން ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ޕީޕީއެމުން އިއްޔެ ވަނީ އެ ފޯމު އީސީއާ ހަވާލުކޮށްފައެވެ. އެކަމަކު، އީސީން ނިންމީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާށެވެ.

ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް އީސީން ނިންމާފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެއެވެ.

ނަމަވެސް މާއްދާ މާނަކުރުމާ މެދު ގާނޫނީ ބަހުސެއް އޮވެއެވެ. ޔާމީންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ މާއްދާގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތައް ނިމި ކަނޑައެޅޭ ނިހާއީ ހުކުމެއް ގޮތުގައި މާނަކުރަން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް ދެކިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް އެ ޕާޓީން އިއްޔެ ނިންމައި ވަނީ ޕާޓީގެ ޓިކެޓް ދިނުމަށް ސެނެޓްގެ މެމްބަރުންގެ މެދުގައި ވޯޓެއް ނަގައިފައެވެ. އެ އިންތިޚާބު ކާމިޔާބުކޮށް އެ ޕާޓީގެ ޓިކެޓް ހޯއްދެވީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒެވެ.

comment ކޮމެންޓް