އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ދިރާގު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން ގުޅިގެން ބާއްވާ 'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މިއަދު ފެށުނު މި އިވެންޓް ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.

'ވިޒިޓް މޯލްޑިވްސް ޕްރޯ 2023' އަކީ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ސީރީޒްގެ ދެވަނަ އެޑިޝަނެވެ. މި އިވެންޓަކީ އޭޝިއާ ސަރަޙައްދުގައި ބެއްވޭ އެންމެ ބޮޑު ބޮޑީބޯޑިން އިވެންޓަށް ވާނެ ކަމަށް ދިރާގުން ވަނީ ލަފާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އިވެންޓް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ޓުއާގެ އެންމެ ކާމިޔާބު އިވެންޓުގެ ގޮތުގައި ރޭޓްކުރެވިފައިއެވެ.

ދިރާގުން ބުނީ މި އަހަރުގެ ބޮޑީބޯޑިން އިވެންޓް ދުނިޔޭގެ މަޝްހޫރު އެތައް ބޮޑީބޯޑަރުންނާއި، މިދިޔަ އަހަރަށްވުރެ ދެގުނަ އެތްލީޓުންނާ އެކު ބާއްވާނެ ކަމަށެވެ.

ދިރާގުން މި އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދެވަނަ ފަހަރު ވެފައިވާއިރު އެ ކުންފުނިން ބުނީ، ދެވަނަ ފަހަރަށް މި އިވެންޓް ރާއްޖެއަށް ގެނެސްދިނުމަށް އެހީތެރިވެދިނުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ބޮޑީބޯޑިން ހަލުވިކަމާއެކު ކުރިއަރަމުން އައުމާއި ރާއްޖޭގެ އެތުލީޓުން ބައިނަލްއަޤްވާމީ ފެންވަރުގައި ވިދާލާތަން ފެނުމަކީ އެ ކުންފުނިން އެންމެ ފަޚުރުވެރިވާ އެއް ކަންތައް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

"މިއަހަރު ރާއްޖޭގައި ބާއްވާ މި އިވެންޓަކީ އައިބީސީ ޓުއާގެ ރޭންކިންއަށް ވަރަށް މުހިންމު އިވެންޓެއް. އެހެންކަމުން މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ބޮޑީބޯޑަރުން އައިސް ރާއްޖެއަކީ ކުރިއަރާފައިވާ ބޮޑީބޯޑިން މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުވުމަށް އިތުރަށް މަގުފަހިވެގެންދާނެ،" އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް ވަނީ މި އިވެންޓާ ގުޅިގެން ވިދާޅުވިއެވެ.

comment ކޮމެންޓް