ދިރާގު ފިންޓެކްއިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބެނީ ޗާންދަނީމަގު، ވިކްޓޯރިއަސް ކެފޭ-އިންޑިގޯ، އަދި ވިކްޓޯރިއަސް އެވެނިއުއިން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، ފުރަތަމަ 1000 ކަސްޓަމަރުން ހަމަވަންދެން ކަމަށާއި ހަމައެކަނި ޓޭކް-އަވޭ ޚިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ބައިވެރިވެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ދިރާގުން ބުނެއެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގުގެ އަމާޒަކީ، ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް ފައިދާހުރި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމާއެކު ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަދަހި ގުޅުމެއް ދެމެހެއްޓުން ކަމަށް ވަނީ ބުނެފައެވެ.