އަންނަ އަހަރުން ފެށިގެން ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުން އިމްތިހާނެއް ހަދަންޖެހޭނެ

ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ސާތިއު

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ފެންވަރު ދެނެގަތުމަށް އިމްތިހާނެއް ފުރިހަމަކުރަން ޖެހޭގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމުމުގެ މައިގަނޑު މަގްސަދަކީ ޝަރުއީ ދާއިރާއަށް އައްޔަންކުރާ ފަނޑިޔާރުންގެ ގާބިލުކަމާއި ގާނޫނީ މައުލޫމާތު ކަށަވަރުކޮށް އައްޔަން ކުރާ ފަނޑިޔާރުންގެ ގާބިލްކަން މަތިކުރުމެވެ.

"ފަނޑިޔާރުން އައްޔަންކުރުމުގެ ސިޔާސަތުގެ ދަށުން ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މަރުހަލާގެ ތެރެއިން ޝަރުއީ އިމްތިހާނެއް ތައާރަފް ކުރަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ." ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.

ޖޭއެސްސީން ބުނީ އެ އިމްތިހާނަށް ކުރިމަތިލާ ބޭފުުޅުންގެ ގާނޫނީ އިލްމާއި ފަންނުވެރިކަން ދެނެގަނެ، އެންމެ ގާބިލު ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަންކުރެވޭކަން ކަށަވަރުކުރެވޭނެ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާއަށް އައްޔަންކުރާ ފަނޑިޔާރުންގެ އިންސާފުވެރިކަމާއި ގާބިލުކަމާމެދު އާންމުންގެ އިތުބާރު އިތުރުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"ޝަރުއީ އިމްތިހާނަކީ އަޅުގަނޑުމެންގެ މުޖުތަމައަށް އިންސަފުވެރިކަމާއެކު ޚިދުމަތް ކުރުމަށްޓަކައި ބޭނުންވާ ގާބިލުކަމާއި ތަޖުރިބާ ހުރި ފަނޑިޔާރުން އައްޔަނުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ޓްރާންސްފޯމޭޓިވް އިނީޝިއޭޓިވްގެ ޒަރިއްޔާއިން ފަނޑިޔާރުން އައްޔަންކުރުމުގެ މަރުހަލާ އިތުރަށް ޕްރޮފެޝަނަލްވެގެން ދާނެއެވެ." ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީން ބުނީ، ޝަރުއީ ދާއިރާއަށް ކުރިމަތިލުމުގެ މަރުހަލާގެ ތެރެއިން ޝަރުއީ އިމްތިހާނުން ފާސްވާން ޖެހޭ ގޮތަށް އަމަލުކުރަން ފަށާނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މި ސިޔާސަތަށް ގެނައި ބަދަލާއެކު ފަނޑިޔާރަކަށް ވުމަށް ބޭނުންވާ ޝަރުތުތައް ހުރުމުގެ އިތުރުން ޝަރުއީ އިމްތިހާނުން ފާސްވުން މަޖުބޫރުވާނެއެވެ.

comment ކޮމެންޓް