ފުޓުބޯޅައިގެ ތަރިން ސައުދީއަށް ދަނީ ކުޅިވަރަށް އޮންނަ ލޯތްބަކުން ނޫން: ބާސާގެ ރައީސް

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ -- ފޮޓޯ/ ގެޓީ

ފުޓުބޯޅައިގެ ތަރިން ސައުދީ އަރަބިއާގެ ކްލަބުތަކާ ގުޅެނީ ކުޅިވަރަށް އޮންނަ ލޯތްބަކުން ނޫން ކަމަށް ވިދާޅުވެ، ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

ސައުދީން ބޮޑެތި އަގުތަކުގައި ކުޅުންތެރިން ގެންދަން ފަށާފައިވަނީ މިއަހަރުން ފެށިގެންނެވެ. އެގޮތުން ޖެނުއަރީ މަހު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިޔަ އިރު، ކުރިއަށްއޮތް ސީޒަނުގައި ވެސް ފުޓުބޯޅައިގެ ތަރިންތަކެއް ސައުދީ ޕްރޯ ލީގުން ފެނިގެންދާނެއެވެ. ނަމަވެސް ފެނިގެން އެ ދަނީ ވަރަށް ދެރަ ކަންތައްތައް ކަމަށް ލަޕޯޓާ ދެކެއެވެ.

"ކުޅުންތެރިން ސައުދީ އަރަބިއާއަށް ދަނީ ކުޅިވަރުގެ ސަބަބުތަކަކަށް ނޫން. ހާއްސަވަނީ އެހެން ކަންތައްތަކެއް. އެކަމަކު ހަގީގަތުގައި ހާއްސަވާން ޖެހޭނީ ފުޓުބޯޅަ. ހާއްސަވާން ޖެހޭނީ ކުޅިވަރަށް އޮތް ލޯބި،" 'ސީއެންއެން'އަށް ދެއްވި އިންޓަވިއުއެއްގައި ބާސާގެ ރައީސް ލަޕޯޓާ ވިދާޅުވިއެވެ.

ކުރިއަށްއޮތް ސީޒަނަށް ސައުދީގެ ކްލަބުތަކުން އެންމެ ގިނަ ކުޅުންތެރިން ގެންގޮސްފައިވަނީ އިނގިރޭސި ކްލަބުތަކުންނެވެ. އެގޮތުން ލިވަޕޫލަށް ކުޅެމުންދިޔަ ޖޯޑަން ހެންޑަސަން، ފަބީނިއޯ، ރޮބާޓޯ ފިރްމީނޯ، މެންޗެސްޓާ ސިޓީއަށް ކުޅެމުންދިޔަ ރިޔާދް މަހްރޭޒް، ޗެލްސީއަށް ކުޅެމުންދިޔަ އެންގޯލޯ ކަންޓޭ އަދި ވުލްވްސްއަށް ކުޅެމުންދިޔަ ރުބެން ނެވޭސް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ކަރިމް ބެންޒެމާ އަދި ބަޔާން މިއުނިކަށް ކުޅެމުންދިޔަ ސާޑިއޯ މާނޭ ވެސް އަންނަ ސީޒަނުގައި ފެނިގެންދާނީ ސައުދީންނެވެ.

ސައުދީގެ ކްލަބުތަކުން އަދިވެސް ދަނީ ފުޓުބޯޅައިގެ ތަރިންނަށް ބޮޑެތި އަގުތަކެއް ހުށަހަޅަމުންނެވެ. އެގޮތުން ސައުދީގެ އަލް ހިލާލުން ވަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ހޯދުމަށް ދުނިޔޭގެ ރެކޯޑު އަގެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް އޭނާ ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. ސައުދީ ކްލަބުތަކުން ހުށަހަޅާ ޓްރާންސްފާ ފީގެ އިތުރުން ކުޅުންތެރިންނަށް ދޭ މުސާރަތައް ވެސް އިންތިހާއަށް ބޮޑެވެ.

comment ކޮމެންޓް