މުއިއްޒުއަށް އިންތިހާބު ކާމިޔާބުކޮށްދޭން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން: އާދަމް ޝަރީފް

ޕީއެންސީގެ އިންތިހާބުން ނާކާމިޔާބުވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު (މ) --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޕީއެންސީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރަންޖެހޭ ހާލަތު އައިސްފި ނަމަ، ކާމިޔާބުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެ ޕްރައިމަރީ ނާކާމިޔާބުވި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީއަށް ފަހު "ސަން"އަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށާއި، އިދިކޮޅު ކޯލިޝަނަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަަސައްކަތެއް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު ކުރިއަށް އޮތް ތަނުގައި ރައީސް ޔާމީން މިނިވަން ކުރުމަށް އަދި ޑރ.މުއިއްޒު އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން" އޭނާ ވިދާޅުވިއެވެ.

ޕްރައިމަރީއަށް ފަހު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަދުގެ އިންތިހާބަކީ ރައީސް ޔާމީންގެ ޑިމޮކްރެޓިކް އުސޫލުތައް ހާމަވާ ކަމެއް ކަމަށެވެ.

"ގައިދީއެއްގެ ގޮތުގައި ހުންނެވި ނަމަވެސް އެންމެ ވަރުގަދަ، އެންމެ ޑިމޮކްރެޓިކް ލީޑަރަކީ ރައީސް ޔާމީން" ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިއަދުގެ އިންތިހާބުގެ ނަތީޖާއާ އެކު، އިދިކޮޅު ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބުވާނެކަން އިތުރަށް ޔަގީންވެއްޖެ ކަމަށެވެ.

މިއަދު ބޭއްވި ޕީއެންސީގެ ރިޔާސީ ޕްރައިމަރީ ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ އެއް ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ލިބިވަޑައިގަތީ 25 ވޯޓެވެ. އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ޕްރައިމަރީއެއް ބޭއްވުމަށް ނިންމީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުންނެވެ. ރިޔާސީ ކެންޑިޑޭޓެއް ހޮވުމުގެ އިޚްތިޔާރު ތިން ފަހަރު މަތިން ލީޑާޝިޕުން މުއިއްޒުއަށް ދޫކޮށްލެއްވިއެވެ. ނަމަވެސް، ތިން ފަހަރު މަތިން ވެސް ޔާމީން ވަނީ އެ ކަން ސެނެޓުން ނިންމުމަށް އެދިވަޑައިގަންނަވާފައެވެ.

comment ކޮމެންޓް