ހަފީޒްގެ އެކްސިޑެންޓު: ހައްޔަރުކުރި މީހާ ދޫކޮށްލީ އިންޖީނުލީ އުޅަނދު ނުދުއްވަން ޝަރުތުކޮށް

މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓްވި އެމްއެންޔޫ ލެކްޗަރާ ހަފީޒް --

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ ގައިގައި، ދުއްވާފައި ދިޔަ ސައިކަލެއް ޖެހުނު މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލީ އިންޖީނުލީ އުޅަނދު ނުދުއްވަން ޝަރުތުކޮށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދު ކުރުމަށް ފަހު، މަގު ހުރަސް ކުރަނިކޮށް ހަފީޒްގެ ގައިގައި ސައިކަލެއް ޖެހުނު މައްސަލައިގައި ހައްޔަރުކުރީ ރ. އިނގުރައިދޫ، ޝަމްއޫން އަބްދުލްޝަކޫރެވެ.

ބާވީސް އަހަރުގެ ޝަމްއޫން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ މަހުގެ ތިނެއްގައެވެ. އެއަށް ފަހު އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވީ ނަމަވެސް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ވަނީ ފުލުހުންގެ އެދުމަށް އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އޭނާ ދޫކޮށްލާފައި ވަނީ އިންޖީނުލީ އެއްވެސް އުޅަނދެއް ނުދުއްވަން ޝަރުތުކޮށް، ޕޮލިހުން އަންގާ ގަޑިއެއްގައި އަންގާ ތަނަކަށް ހާޒިރު ވުމަށާއި ރަށުން ބޭރަށްދާއިރު ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ ނުދިޔުމަށް ޝަރުތުކޮށް ކަމަށެވެ.

އެ އެކްސިޑެންޓުގައި ހަފީޒްގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ އިންޑިއާގައެވެ.

comment ކޮމެންޓް