އަންހެނުންގެ ވޯލްޑް ކަޕްގައި ބްރެޒިލަށް ލަދަކާ ކުރިމަތިލާން ޖެހި، ޖެމެއިކާ އިން ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގައި ކުރިއަށްދާ މިއަހަރުގެ ވޯލްޑް ކަޕްގެ "ގްރޫޕު އެފް"ގެ ފަހު މެޗުގައި އިއްޔެ ޖެމެއިކާއާ ދެކޮޅަށް ނުކުތް އިރު، ބްރެޒިލަށް އޮތީ ގަދަ 16ގެ ޖާގައެއް ކަށަވަރުކުރަން މޮޅެއް ހޯދުމަށް މަޖުބޫރުވެފައެވެ. ނަމަވެސް އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލުން ކުޅެމުންދިޔަ ނަމަވެސް، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ބްރެޒިލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އަރީ ބޯގެސް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ، ޖެމެއިކާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ބްރެޒިލަށް ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. މުބާރާތުގައި މިހާތަނަށް އަމިއްލަ ކޮޅަށް ގޯލެއް ވަދެފައިނުވާ ޖެމެއިކާގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. ދެވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ވެސް ޖެމެއިކާ އިންނެވެ.
މުބާރާތުގެ "ގްރޫޕު އެފް"ގެ އެއްވަނައިގެ ގޮތުގައި ހަތް ޕޮއިންޓާއެކު ފްރާންސުން ގަދަ 16ގެ ޖާގައެއް ހޯދި އިރު, ޖެމެއިކާއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނައިގައި ނިންމާލަން ޖެހުނު ބްރެޒިލަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ޕެނަމާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިއީ އަންހެނުންގެ ވޯލްޑް ކަޕްގެ ތާރީހުގައި ބްރެޒިލަށް އެންމެ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހުނު ފަހަރެވެ. ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ވެސް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައެވެ. މިއީ 1995 އަށްފަހު ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުން ބްރެޒިލް އަލްވަދާއު ކިޔަން ޖެހުނު ފުރަތަމަ ފަހަރެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ، ބްރެޒިލްގެ ތަރި މާޓާއަށް ވެސް އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ނިންމާލަން ޖެހިފައި މިވަނީ މަޔޫސީކަމާއެކުއެވެ. އުމުރުން 37 އަހަރުގެ މާޓާ އަކީ ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު ހަ ފަހަރަކު ހޯދާފައިވާ ކުޅުންތެރިއެކެވެ. ވޯލްޑް ކަޕްގައި ޖެހި 17 ގޯލާއެކު މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވެސް މާޓާއެވެ.