ވަކި ސިޔާސީ މީހަކަށް ބެލުމެއްނެތި 'ދުވަންވީ' ވައުދު ފުއްދާ ލީޑަރުގެ ފަހަތުންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫގައި އޮތް ރައީސްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ތަޖުރިބާގެ އަލީގައި ގޮތް ނިންމުމަކީ މުހިންމު ކަމެއް ކަމަށެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ސިޔާސީ މައިދާނުގައި މަސައްކަތްކުރެއްވިކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ތަފާތެއް ފެނުނު ހަމައެކަނި ސަރުކާރަކީ ރައީސް ޞާލިހުގެ ސަރުކާރު ކަމަށެވެ.
"އެހެން ރައީސުން މި ވިދާޅުވަނީ ރައްޔިތުންނާ ދިމާއަށް ރަށްރަށަށް ގޮސްފައި، އަޅުގަނޑު ކައިރި އަހާށޭ ދެ ކަމެއް ނޫނީއްޔާ އެންމެ ގިނަވެގެން ތިން ކަމޭ އަހަންވާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ރައީސްގެ ފަރާތުން ފެނިވަޑައިގަތީ ހިފެހެއްޓުމެއް ނެތި ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދޭ މަންޒަރުކަމަށް ސިޔާމް ވިދާޅުވިއެވެ.
"މިއީ ހަގީގަތުގައި ރައްޔިތުންނަށް ކަންތައް ކޮށްދޭން ދަހިވެތިވެފައި ތިބި އިއްޒަތްތެރި ރައީސުން ކުރައްވާ ކަންތަކަކީ،" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ވިސްނަންވާނީ ރައްޔިތުންގެ އަމިއްލަ ހާލަތާ މެދުގައިކަމަށެވެ.
"އަޅުގަނޑުމެން ދިވެހި ރައްޔިތުން ދުވާކަށްނުޖެހޭ ސިޔާސީ ވަކި ލީޑަރެއްގެ ފަހަތަކުންނެއް. އަޅުގަނޑުމެން ރައްޔިތުން ދުވަންޖެހޭނީ ރައްޔިތުންނަށް އޯގާތެރިކަމާއެކު ދަންނަވާ ހުރިހާ ކަމެއް ކޮށްދޭ ސަރުކާރެއް ނޫނިއްޔާ ރައީސެއްގެ ފަހަތުން،" ސިޔާމް ވިދާޅުވިއެވެ.
އިތުރަށް ވަހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގެ އިގްތިޞާދު ބައްޓަންވަނީ ވަކި ސިނާއަތެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ސިޔާމް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ބިނާވެފައިވާ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަން ކުރިއަށް ގޮސްގެން ނޫނީ ތަރައްގީގައި ބޭނުންވާ އަމާޒަށް ވާސިލްނުވެވޭނެކަމަށް ސިޔާމް ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީވެ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު އެ ސަރަހައްދުގެ ރައްޔިތުންގެ 'ޖީބު ބަރުވާ' މިންވަރަށް ފައިސާ ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.