އޭސީ މިލާނުގައި ހުރެގެން ވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ ހޯދޭނެ ކަމަށް އެ ކްލަބަށް ކުޅޭ ޕޯޗުގަލް ފޯވަޑް ރަފައެލް ލިއާއޯ ބުނެފިއެވެ.
މިދިޔަ ސީޒަނުގައި ލިއާއޯ ވަނީ މިލާނާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ވަނީ 16 ގޯލާއި 15 އެސިސްޓް ހަދައިފައެވެ. ލިއާއޯ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކްލަބުތަކަކުން މަސައްކަތްކުރަމުން ދަނިކޮށް، އޭނާ ވަނީ މިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހު އާކޮށްފައެވެ. ލިއާއޯ ބުނެފައިވާ ގޮތުގައި އޭނާ މަސައްކަތްކުރާނީ މިލާނުގައި ހުރެގެން ބެލޮންޑިއޯ ހޯދުމަށެވެ.
"އަހަރެން މިލާންގައި މަޑުކުރުމަށް ނިންމީ އަހަރެން ބޭނުންވާ ކަންކަން ހާސިލުކުރުމުގެ ފުރުސަތު މި ކްލަބުން ދޭތީ. މި ކްލަބުން އަހަރެންނަށް ކުރިއެރުމަށް ފުރުސަތު ދީ، އަހަރެންނަށް ލީޑަރެއްގެ އިހުސާސް ގެނެސްދޭ. ކެރިއަރުގައި އަހަރެންނަށް ޔޫއެފާ ޗެމްޕިއަންސް ލީގާއި ބެލޮންޑިއޯ ފަދަ އިތުރު ކާމިޔާބީތައް ހޯދޭނެ އެންމެ ރަނގަޅު ކްލަބަކީ މިލާން،" 'އީއެސްޕީއެން' އަށް ދިން އިންޓަވިއުއެއްގައި އުމުރުން 24 އަހަރުގެ ލިއާއޯ ބުންޏެވެ.
ލިއާއޯ އަކީ ޕޯޗުގަލްގެ ސްޕޯޓިން އިން ތަމްރީނުވެގެންދިޔަ ކުޅުންތެރިއެކެވެ. އޭނާގެ ސީނިއާ ކެރިއަރު 2016 ގައި ފެށީ ވެސް ސްޕޯޓިން އިންނެވެ. އެއަށްފަހު 2018 ގައި ފްރާންސްގެ ލިލް އިން ފެނުނު ލިއާއޯ، މިލާނާ ގުޅުނީ 2019 ވަނަ އަހަރުއެވެ. މިހާރު އޭނާއަކީ ޕޯޗުގަލް ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.
މިލާނާއެކު ލިއާއޯ ވަނީ 2021-22 ސީޒަނުގެ އިޓާލިއަން ސެރީއާ ކާމިޔާބުކޮށްފައެވެ. އެ ސީޒަނުގައި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ލިއާއޯއެވެ.