ނުރައްކާތެރި ޖިނާއީ މައްސަލަތަކެއްގައި އެމެރިކާގެ ދައުލަތުން ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލައިފި

ޓްރަމްޕް

ވޮޝިންޓަން (02 އޮގަސްޓް 2023): ދެހާސް އެކާވީސް ވަނަ އަހަރުގެ ޖަނަވަރީމަހު އެމެރިކާގެ ކޮންގްރެސްގެ އިމާރާތަށް ހަމަލާދީ އެތައް ސަތޭކަ ބަޔަކު އެއިމާރާތަށް އަރައިގަތް މައްސަލައިގެ ތަހުގީގުތަކާ ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެގައުމުގެ ކުރީގެ ރައިސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ޖިނާއީ ހަތަރު ތުހުމަތެއްކޮށް އެތުހުމަތުތަކާބެހޭ ދައުވާ ޓްރަމްޕްގެ މައްޗަށް އުފުލައިފިއެވެ.

ކޮންގްރެސްގެ އިމާރާތަށް ހަމަލާދީ އެތައް ސަތޭކަ ބަޔަކު އެއިމާރާތަށް އަރައިގަތީ ޓްރަމްޕްގެ ސަޕޯޓަރުންނެވެ. އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވީ ޓްރަމްޕެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އުފުލި ދައުވާތަކުގައި ބުނެފައިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށް ވެރިކަމުގެ ނިޒާމު ރޫޅާލުމަށް ރޭވުމާއި އަދާލަތަށް ހުރަސްއެޅުމާއި މަކަރު ހަދައިގެން ވެރިކަމުގައި ދެމިހުރުހުމަށް މަސައްކަތް ކުރުމާއި ހައްގުތަކަށް އަރައިގަތްކަމުގެ ތުހުމަތުތައް ޓްރަމްޕްގެ މައްޗަށް ކުރެވޭކަމަށާ މިތުހުމަތުތަކާމެދު ދައުވާ ކުރެވޭވަރަށް ތަހުގީގުތަކުން ހެކި ލިބިފައިވާކަމުގައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތް ހިސާރުކޮށް އެތަނަށް އަރައިގަންނަނީ

ޓްރަމްޕްގެ ވެރިކަމުގައި ނައިބު ރައީސްއަކަށް ހުންނެވި މައިކް ޕެންސް އާއި ފެޑެރަލް މަސްއޫލުވެރިންނަށް ފިއްތުންތައް ކުރިމަތި ކުރައްވައިގެން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތިޖާ އޮޅުވާލައްވަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށްވެސް ދައުވާގެ ލިޔުމުގައި ބުނެފައިވެއެވެ. މި ތުހުމަތުތައް ސާބިތު ވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް ޓްރަމްޕްގެ މައްޗަށް އަންނާނެއެވެ. ޓްރަމްޕަކީ މިހާރު އުމުރުން 78 އަހަރުގެ ބޭފުޅެކެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ދައުވާގެ ލިޔުމުގައިވާގޮތުން 2021 ވަނައަހަރު ގެ ޖަނަވަރީމަހުގެ ހަ ވަނަދުވަހު އެމެރިކާގެ ކޮންގްރެސްގެ އިމާރާތް ހިސާރުކޮށް އެތައް ސަތޭކަ ބަޔަކު އެއިމާރާތަށް އަރައިގަނެ އެތަނުގެ ހުރުމަތްކަނޑައި އެތަނުގެ ހަރުމުދަލާއި ތަކެއްޗަށް ގެއްލުންދިނުމަށް ބަޔަކު ހިންގި ޖަރީމާތަކުގެ ފަހަތުގައި ހުންނެވީ ޓްރަމްޕެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް ފޮނުވައިގެން ޓްރަމްޕް މިކަން ކުރެއްވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަސްދީގުކުރުމަށް ކޮންގްރެސްއިން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށް ދުރާލައި ރާވައިގެންނެވެ. އެހެންކަމުން މިއީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ޓްރަމްޕް އަޑީގައި ހުންނަވައިގެން ކުރެއްވި ކަމެއްކަމަށް ދައުވާގެ ލިޔުން ބުނެއެވެ.

ޓްރަމްޕްގެ މައްޗަށް މިހާރުވެސް ދައުވާއެއް އުފުލި އެމައްސަލަ ކޯޓުގައި ހިނގަމުން އެބަދެއެވެ. އެއީ އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔެކިޔުންތަކެއް އަމިއްލަ ގެއަށް ގެންގޮސް ފާޚާނާއެއްގެ ތެރޭގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ޓްރަމްޕްގެ މައްޗަށް ކުރާ ދައުވާއެކެވެ. އެ ދައުވާގެ އަޑުއެހުމެއް އަންނަ އަހަރުގެ މެއި މަހުގައި ބޭއްވުމަށްވަނީ ތާވަލު ކޮށްފައެވެ.

މި ދައުވާތައް އުފުލިފައިވީނަމަވެސް ޓްރަމްޕް ގެންދަވަނީ އެމެރިކާގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށްޓަކައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑެންސީ ހޯދުމަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕެއިން ކުރައްވަމުންނެވެ.

ވަރަށް ފަހުން އެމެރިކާގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ރައީސް ޖޯ ބައިޑަން އަށްވުރެ ޓްރަމްޕްގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި މާބޮޑެވެ. އަދި ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައިވެސް އެންމެ މަގްބޫލު ބޭފުޅަކީ ޓްރަމްޕް އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު ހީނަރުވެ ތަކެތިގެ އަގުބޮޑުވެ ވަޒީފާ ލިބުން ދަތިވެ އަދި ޔުކްރެއިން ހަނގުރާމައާއެކު ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާ ބާރާއި ނުފޫޒު އާދަޔާ ޚިލާފަށް ބަލިކަށިވެފައިވުމުގެ ސަަބަބުން ބައިޑެންގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި ދަނީ ދަށަށެވެ.

ބައިޑެންއަށް ކުރިމަތިވަމުންދާ މުސްކުޅި ބަލީގެ އަލާމާތްތަކަކީވެސް ދެވަނަ ދައުރަކަށް އޭނާ އިންތިޚާބުކުރުމުގައި އެމެރިކާގެ އާންމުން ވިސްނަންޖެހޭ ކަމަކަށް މިހާރުވަނީ ވެފައެވެ. މުސްކުޅިކަމުގެ އަލާމާތްތައް ބައިޑެންގެ ހަރަކާތްތަކުން ފެންނާނީ އޭނާ ސިއްހީގޮތުން ވެރިކަމަށް ފިޓްނޫންކަމަށް އެމެރިކާގެ ވަރަށް ވަރަށް ގިނަ ބަޔަކު ދެކޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ތުހުމަތުތަކުގެ ދައުވާ މިހާރު އުފުލާފައިވާއިރު އަދި އެދައުވާތައް ސާބިތުވެއްޖެނަމަ އުމުރުގެ ބާކީ އޮތްބައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރަން ޖެހިވަޑައިގަންނަވާނެއެވެ. މިއާއެކުވެސް ޓްރަމްޕް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާތަކެކެވެ. ބޭނުމަކީ އަދި މަގްސަދަކީ އޭނާގެ ސިޔާސީ މުސްތަގްބަލަށް ހުރަސްއެޅުމެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޭނާއަށް ނުދިނުމެވެ. އެކަމުގެ ފަހަތުގައި ހުންނެވީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އޭނާގެ ޑިމޮކްރެޓިކް ޕާޓީކަމަށާ އެމެރިކާގެ ރައްޔިތުންނަށް މިހަގީގަތް އެނގޭކަމަށް ޓްރަމްޕް ވިދާޅުވެއެވެ.

comment ކޮމެންޓް