ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކުރުމާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ތުހުމަތުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބައެއް މީހުންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ފަށައިފިއެވެ.
އެ ލިސްޓުގައި ހިމެނޭ، އަހްމަދު އަގްލީލް މިއަދު ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ބީއެމްއެލް އެކައުންޓު ފްރީޒްކޮށްފައިވާ ކަމަށް ބުނެފައެވެ.
އެމެރިކާ ސަރުކާރުން ނެރުނު ބަޔާނުގައި އޭނާގެ އިތުރުން 20 ދިވެއްސަކަށާއި، އެމީހުންނާ ގުޅުންހުރި 29 ވިޔަފާރިއެއް ފާހަގަކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.
އައިސިސް އަދި އަލް ގައިދާއަށް ތާއީދުކޮށް، އެ ޖަމާއަތްތަކުގެ ޕްރޮޕެގެންޑާ ރާއްޖޭގައި ފެތުރުމާއި، މީހުން ރެކްރޫޓުކުރުމުގެ ތުހުމަތު އެމީހުންނަށް ކުރެއެވެ. އަދި އެ ޖަމިއްޔާތަކަށް ފަންޑު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އޮވެއެވެ.
އެމީހުންނަށް ފިޔަވަޅު އެޅުމާ ގުޅިގެން އެމްއެމްއޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ވެސް ވާހަކަދައްކާފައެއް ނުވެއެވެ.
ޓެރަރިޒަމް ފަދަ މައްސަލަތަކާ ގުޅިގެން ބައިނަލްއަގުވާމީ އިދާރާތަކުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ބޭންކުތަކުން އާންމު ގޮތެއްގައި އެކައުންޓު ފްރީޒްކުރުމާއި، އިންޓަނޭޝަނަލް ޓްރާންސްފާ ހުއްޓުވުންފަދަ ފިޔަވަޅުތައް އަޅައެވެ.