މިދިޔަ ހަފުތާގައި މާލޭގައި ފެތުރެން ފެށި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އަދިވެސް ކޮންޓްރޯލް ނުވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިދިޔަ ހަފުތާގައި މި ބަލީގައި ގިނަ އަދަދެއްގެ މީހުން ހޮސްޕިޓަލްތަކަށް ގޮސް ހޮސްޕިޓަލްތައް ތޮއްޖެހި، އެލާޓަށް އައެވެ.
ނޯރޯ ވައިރަހުގެ ސަބަބުން ފެތުރޭ މި ރޯގާގެ އެންމެ ފަހުގެ މައުލޫމާތު "ސަން"އާ ހިއްސާ ކުރަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ މި ރޯގާ އަދިވެސް ފެތުރެމުން ދާކަމަށެވެ.
އިއްޔެއާއި އޭގެ ކުރީދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު ކޮންމެވެސް ވަރަކަށް ދަށްވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އޭގެ މާނަ އަކީ ރޯގާ ކޮންޓްރޯލް ވީ ނޫން ކަމަށާއި އަދިވެސް ސަމާލު ނުވެއްޖެ ނަމަ އިރުތަށް ރޯގާ ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވިއެވެ.
އެހެންކަމުން ރޯގާއިން ސަލާމަތްވުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ނޯރޯ ވައިރަހަކީ އާންމުކޮށް ކާނާގެ ސަބަބުން ފެތުރޭ ބައްޔެކެވެ. އަދި ނުސާފު ފެނުންނާއި ސާފު ތާހިރުކަން ކުޑަވުމުންނާއި ބަލި ޖެހިފައި ހުރި މީހަކާ ސީދާ ބައްދަލުވުމުން ވެސް މި ވައިރަސް ފެތުރެއެވެ. މިއީ ވަރަށް އަވަހަށް ފެތުރޭ ވައިރަހެކެވެ.
ނޯރޯ ވައިރަހުގެ އަލާމާތްތައް:
- ހޮޑުލުން
- ބޭރަށް ހިންގުން
- ބަނޑުގައި ރިއްސުން
- މޭނުބައި ކުރުން