ނޯރޯ ވައިރަސް: މިއީ ކިހިނެއް ފެތުރޭ ކިހާ ނުރައްކާތެރި ވައިރަހެއް؟

ސްޓެލްކޯ ސޭވް އެނާޖީ ކެންޕެއިންގެ ދަށުން ހުޅުމާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ވައިރަލް ރޯގާއެއް ފެތުރެން ފަށާފައެވެ. މި ރޯގާގެ މައިގަނޑު އާލާމާތެއްގެ ގޮތުގައި ހޮޑު ލެވޭއިރު މި ބަލީގައި ގިނަ އަދަދެއްގެ މީހުން ހޮސްޕިޓަލްތަކަށް ދިޔައެވެ. ހުކުރު ދުވަހުގެ އިރު އެރީ މާލޭގެ ހޮސްޕިޓަލްތައް އެލާޓުގައި އޮއްވައެވެ.

މިއީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފުޅަނދު ބުރުގައި ބެހި މެޓައެއް ކައިގެން ފެތުރުނު ރޯގާއެއް ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. ނަމަވެސް އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޮގުކުރިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިއީ ނޯރޯ ވައިރަސްގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށެވެ.

ނޯރޯ ވައިރަހަކީ އާންމުކޮށް ކާނާގެ ސަބަބުން ފެތުރޭ ބައްޔެކެވެ. އަދި ނުސާފު ފެނުންނާއި ސާފު ތާހިރުކަން ކުޑަވުމުންނާއި ބަލި ޖެހިފައި ހުރި މީހަކާ ސީދާ ބައްދަލުވުމުން ވެސް މި ވައިރަސް ފެތުރެއެވެ. މިއީ ވަރަށް އަވަހަށް ފެތުރޭ ވައިރަހެކެވެ.

އެޗްޕީއޭއިން ބުނީ، މި ވައިރަސް އެންމެ ފަސޭހައިން ފެތުރެނީ ބަންދު ތަންތަނުގައާއި މީހުން އެއްވެ އުޅޭ ތަންތަނުގައި ކަމަށެވެ.

ނޯރޯ ވައިރަހުގެ އަލާމާތްތައް:

  • ހޮޑުލުން
  • ބޭރަށް ހިންގުން
  • ބަނޑުގައި ރިއްސުން
  • މޭނުބައި ކުރުން

ބަލިން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން:

ގިނަ ގިނައިން އަތް ދޮވުން: މިކަމާ ގުޅިގެން ޑރ. އަބްދުﷲ ނިޔާފް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ސެނިޓައިޒާ ބޭނުންކުރި ނަމަވެސް ނޯރޯ ވައިރަހުން ރައްކާތެރި ނުވާކަމަށެވެ. މި ވައިރަހުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމެވެ. އެގޮތުން ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ފަހުން، ކެއުމުގެ ކުރިންނާއި ފަހުން، ހޮޑާއި ބޮޑުކަމުދާ ތަކެތި ސާފުކުރުމަށްފަހު އަދި ބަލިޖެހިފައިވާ މީހަކަށް ޚިދުމަތް ކުރުމަށް ފަހު އަތް ދޮންނަން ޖެހެއެވެ. އަދި ކެއްސާ ކިނބިހި އެޅުމަށް ފަހުގައާއި ކުނި ގެންގުޅުމާއި ކުނި އެކާލުމަށް ފަހު އަތް ދޮވުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

މީގެ އިތުރުން ބަލިން ސަލާމަތްވުމަށް ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ކާބޯތަކެތި ތައްޔާރު ކުރުމުގައި ބައިވެރި ނުވުމާއި މީހުން ގިނަ ތަންތަނަށް ނުދިއުން ހިމެނެއެވެ.

މި ބަލީގައި ގިނަގިނައިން ހޮޑު ލެވުމާއި ފާހާނާއަށް ދެވުމުގެ ސަބަބުން ކުޑަކުދިންގެ ހަށިގަނޑުން ވަރަށް ފަސޭހައިން ފެން މަދުވެއެވެ. އެހެންކަމުން ކުޑަކުއްޖަކަށް މި ބަލި ޖެހިއްޖެ ނަމަ އަވަސް އަވަހަށް ދިޔާ އެއްޗެހި ދިނުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.

ގައިން ފެން މަދުވެއްޖެ ނަމަ ކުޑަކަމުދިއުން މަދުވެއެވެ. އަދި ވަރުބަލި ވުމާއި ލޯ ވަޅުވަނުން ފަދަ އަލާމާތްތައް ފެނެއެވެ. މިފަދަ އަލާމާތްތައް ފެނިއްޖެ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.

comment ކޮމެންޓް