ހަތް އަހަރު ފަހުން ސިޗުއާން އެއާލައިންސް އަނބުރާ ރާއްޖެއަށް

ސިޗުއާން އެއާލައިންސްގެ ދަތުރުތައް އަލުން ފެށުމަށް އިއްޔެ ޗައިނާއިން އައި ފުރަތަމަ ފްލައިޓް -- ފޮޓޯ/ އެމްއޭސީއެލް

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު، ޗައިނާގެ ސިޗުއާން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިިއެވެ.

ދަތުރުތައް އަލުން ފެށުމަށް އިއްޔެ އައި ފުރަތަމަ ފްލައިޓުން 186 މީހަކު ރާއްޖެ އައެވެ. އެ އެއާލައިނުން ޗެންޑޫގޫއާ މާލެއާ ދެމެދު ހަފްތާއަކު ތިން ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ-320 މަރުކާރުގެ ބޯޓެކެވެ.

ސިޗުއާން އަކީ ހުޅަނގު ޗައިނާ ސަރަހައްދުގެ އެންމެ ބޮޑު އެއާލައިނެވެ. މައިގަނޑު ގޮތެއްގައި ދަތުރު ކުރަނީ އިރުމަތީ އޭޝިއާގެ މަންޒިލުތަކަށެވެ. އޭގެ އިތުރުުން ޔޫރަޕާއި، އޭޝިއާއަށް ވެސް އެ ކުންފުނީގެ ފްލައިޓުތައް ދެއެވެ.

މިހާރު ވެސް ރާއްޖެއަށް އަންނަނީ ޗައިނާގެ ދެ އެއާލައިނަކުން ދަތުރުތައް ކުރަމުންނެވެ. އެ ގައުމުގެ ބެއިޖިން ކެޕިޓަލް އިން ހަފުތާއަކު އެއް ޗާޓަރު ފްލައިޓް ޖައްސައެވެ. އަދި، ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރަކު ޝެޑިއުލް ދަތުރެއް ކުރެއެވެ.

ކޮވިޑަށްފަހު، ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފަައި އޮތުމަށް ފަހު، ޗައިނާގެ ބޯޑަރު އާންމުކޮށް ހުޅުވާލީ މިއަހަރު ކުރީކޮޅެވެ. އޭގެފަހުން، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގައުމަކީ މިހާރު ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު މާކެޓެވެ.

comment ކޮމެންޓް