އެ މަނިކުފާނުގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަސް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެ ޕާޓީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް މި ވަގުތު ގޮސްފައިވާ ހާލަތަކީ ދިވެހި އެތައް ރައްޔިތުންނެއް އެކަމާ މެދު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ނާޒިމް ސިފަކުރެއްވި ގޮތުގައި ސަރުކާރުން މިއަދު ވަނީ ޖުޑީޝަރީ "އަތަށް މަހާލާފަ" އެވެ. އަދި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ އެ ޕާޓީން އަބަދު ވެސް ވަކާލާތު ކުރަމުން އައިސްފައިވާ ކަމެއް ކަން ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ސަރުކާރުގެ ދައުރު ހަމަވާން މަދު ދުވަސްކޮޅެއް ގުނަމުން ދާއިރު، މިއަދާ ހަމައަށް ވެސް ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ނުކުރެވޭ ކަމަށާއި، ޖޭއެސްސީ އިސްލާހު ނުކޮށް ފަނޑިޔާރުންގެ ބިރުވެރިކަން ވެސް ނުފިލާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެ ބިލު މަޖިލީހަށް ހުށަހަޅައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފަށާނެ ވާހަކަ ދަންނަވަން." ނާޒިމް ވިދާޅުވިއެވެ.
ރާއްޖެ ދުށް ހުރިހާ ސަރުކާރުތަކަކުން ވެސް ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ، ނާޒިމް ވަނީ ޝަރުއީ ދާއިރާ މުޅީން މިނިވަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ ސާތިއު
ޖޭއެސްސީ އިސްލާހު ކުރުމަކީ އެޖެންޑާ 19 މެނިފެސްޓޯގައި ހިމަނާފައިވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ދައުރު ނިމެން ކައިރިވެފައިވާއިރު ޖޭއެސްސީ އިސްލާހު ކުރުމަށް އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައިނުވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖޭއެސްސީ އިސްލާހު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ އަހަރު ފަށާފައިވާއިރު، އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުން ނުހިމެނޭހެން ކޮމްޕޮޒިޝަން ބަދަލުކޮށް، ގާނޫނުއަސާސީއަށާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ޖޫން މަހުއެވެ.