ށ. އަތޮޅުގެ ކެމްޕޭން ނިންމައިލިއިރު ކަނޑިތީމުންނާއި ގޮއިދޫން ރައީސަށް ފެނިވަޑައިގަތީ މޮޅުގެ މަންޒަރު

ށ. އަތޮޅަށް ރައީީސް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން، އެމްޑީއޭގެ ރައީސް ސިޔާމާއެކުގައި -- ފޮޓޯ/ އެމްޑީޕީ

ދެވަނަ ދައުރެއް ހޯދުމުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ށ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު މިއަދު މި ނިމުނީއެވެ.

އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް އަރައިވައިގަންނަވައި ރަށުގެ އެކި ފިކުރުގެ، ރައްޔިތުންނާ ބައްދަލުކުރައްވައި ނިންމެވީއެވެ. އެ ރައްޔިތުން ދެން ބޭނުންވާ ކަންކަމާއި، މިހާރު ހުރި ކަންބޮޑުވުންތައް އައްސަވައިފިއެވެ.

މި އަތޮޅުގެ ކެމްޕޭން ނިންމަވައިލެއްވުމުގެ ގޮތުން އެންމެ ފަހު ދެ ރަށުގެ ގޮތުގައި ރައީސް ވަޑައިގެންނެވީ ގޮއިދޫއަށާއި ކަނޑިތީމަށެވެ. މި ދެ ރަށުގައި ވެސް ރައީސް ދެއްކެވި ވާހަކަފުޅުން ފާހަގަވި ކަމަކީ މި އަތޮޅުގެ އިތުރުން މި ދެ ރަށުން ވެސް ކާމިޔާބީގެ މަންޒަރު ފެނިވަޑައިގަންނަވާ ކަމެވެ.

ގޮއިދޫގައި އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް މި ރަށުން އެމްޑީޕީއަަށް ފުރިހަަމަ އަޣުލަބިއްޔަތު ކުރިއަށްވުރެ މާ ބޮޑަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް ށ. ގޮއިދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

"ގޮއިދޫން 2018ވަނަ އަހަރު 70 ޕަސެންޓު އަޅުގަނޑުމެންގެ މި ކޯލިޝަނަށް ތާއީދުކުރި. ގޮއިދޫ ރައްޔިތުންގެ ނިންމުމުން ބަދަލު އައީ ގޮއިދޫގެ ރައްޔިތުންނަށް އެކަންޏެއް ނޫން. މުޅި ރާއްޖެއަަށް އަޅުގަނޑުމެން މި ގެންނަ ބަދަލުގައި ގޮއިދޫގެ ހިއްސާ ހިމެނިގެން އެ ދިޔައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދައުރުގައި ރާއްޖޭގައި އެންމެ އަސާސީ ޚިދުމަތްތައް ޔަގީންވެގެން ހިނގައްޖެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް ސެޕްޓެމްބަރު ނުވަަވަނަ ދުވަހު މި ލާ ވޯޓުގައި ރައްޔިތުން ތާއީދުކުރާނީ އަޅުގަނޑުމެން މި ދަތުރުކުރާ އުފާވެރި އަމާން ރާއްޖެއަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެން އަންނަ ދައުރެއްގައި ގޮއިދޫގައި ކުރިއަށްދާނެ މަޝްރޫތައް:

  • ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • ރަށްގިރުން ހައްލުކޮށްދިނުމަށް ހިމާޔަތްކުރުން
  • ކަރަންޓް ކެޕޭސިޓީ އިތުރުކޮށްދިނުން

"އަޅުގަނޑު މިވާހަކަ އިތުރަށް ގޮއިދޫ ރައްޔިތުންނާ ދައްކާކަށް ވެސް ނުޖެހޭނެ. އަލުގަނޑަށް ހަމަ ޔަގީން ތިޔަބޭފުޅުން ތި ތިބީ ގޮތް ނިންމަވައިގެން. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުަގައި ކުރިއަށް ވުރެ ވެސް ބޮޑަށް، ކުރިއަށްވުރެ ވެސް ބޮޑަށް ނިކުމެވަޑައިިގެން މި ރަށުން ނަތީޖާ ނެރެދިނުން އަޅުގަނޑުގެ އެދުމަކީ،" ރައީސް ވިދާޅުވިއެވެ.

ކެމްޕޭނަށް ރައީސް ކަނޑިތީމަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ޖެހިގެން އޮތް ކަނޑިތީމުން ވެސް ރައީސަށް ފެނިވަޑައިގަތީ ކާމިޔާބުވާނެ ކަމުގެ އުންމީދެވެ.

ރައީސް ވިދާޅުވީ ކަނޑިތީމުގެ ވިސްނުމަކީ ވިސްނުންތެރިކަމާއެކު ވޯޓު ދޭ ރަށެއްކަމަށެވެ. އެ ކަން ހާމަވަނީ މީގެ ކުރީގެ އިންތިޚާބުތަކުން އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑިތީމަށް އައީ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަށް ޓަކައި ކަމަށެވެ. އެއީ މީގެ ކުރިން މި އަތޮޅަށާއި މި ރަށަށް އިހުމާލުވެފައި އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ފަަހަރަކު އެމްޑީޕީއަށް ގުޅިފައިވާ ކޯލިޝަނަށް ތިޔަ ބޭފުޅުން ދިޔައީ އަޣުލަބިއްޔަތު މި ރަށުން ދެމުން. އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް އިންތިޚާބުގައި މިއަށްވުރެ ބޮޑު ނަތީޖާއިން ރަނގަޅު ކާމިޔާބެއް މި ދާއިރާއިން އެމްޑީޕީއާ ގުޅިފައި އޮތް ކޯލިޝަނަށް ލިބިގެންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެންމެ އިސްކަންދެއްވި ކަމަކީ ތަރަައްގީގައި ބާކިވެފައި ހުރި ރަށްތަކަށް ތަަރައްގީ ގެނެސްދިނުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެހެންވެ މި އަތޮޅަށް ކުރަންޖެހުނު ކަންތައްތައް ގިނަވީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި:

  • މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • މޫދުކުޅިވަރަށް ޚާއްސަ ސަރަހައްދު ތަރައްގީކުރުން
  • އައު ކަރަންޓު ވިއުގައެއް އަޅައިދިނުން
  • ހޭންޑްބޯޅަ ކޯޓެއް އަޅައިދޭނެ ކަމަށް
  • ބަނދަރުގެ ދަތިކަމަށް ހައްލު ގެނެސްދޭނެކަމަށް
  • ސްކޫލުގެ ކްލާސްރޫމު އިތުރުކޮށްދޭނެކަމަށް

ކަނޑިތީމަކީ މިއަދު ރައީސް ވަޑައިގެންނެވި ހަވަަނަ ރަށެވެ.

comment ކޮމެންޓް