ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ، ސައުދީ އަރަބިއާގެ އަލް އިއްތިހާދަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
ފަބީނިއޯ ވެގެން ގޮސްފައިވަނީ ކުރިއަށްއޮތް ސީޒަނަށް ސައުދީ ލީގަށް ބަދަލުވި ލިވަޕޫލުގެ ދެވަނަ ކުޅުންތެރިޔާއަށެވެ. ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ ދާދި ފަހުން ސައުދީގެ އަލް އެއްތިފާގާ ގުޅިފައެވެ.
އަލް އިއްތިހާދުން ފަބީނިއޯ ސޮއިކުރިކަން އިއުލާންކޮށްފައިވަނީ ކެޕްޝަންގައި "މިނިކާވަގަށް ވެސް ހުރަސްކުރުމުގެ ފުރުސަތު އެބައޮތް" ކަމަށް ޖަހައި، ޕޯސްޓުކުރި ވީޑިއޯއަކުންނެވެ. އުމުރުން 29 އަހަރުގެ ފަބީނިއޯ، އަލް އިއްތިހާދާ ގުޅުނީ 2026 ވަނަ އަހަރުގެ ނިޔަލަށް 40 މިލިއަން ޕައުންޑް (51.3 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
ކުރިއަށްއޮތް ސީޒަނުގައި ފަބީނިއޯއާއެކު އެންމެ ފަހުގެ ސައުދީ ޗެމްޕިއަން އަލް އިއްތިހާދު ފެނިގެންދާނީ ވަރަށް ވަރުގަދަކޮށެވެ. އަލް އިއްތިހާދުން ވަނީ ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އާއި ޗެލްސީއަށް ކުޅެމުންދިޔަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭގެ ސޮއި ވެސް ހޯދައިފައެވެ.
ލިވަޕޫލަށް އަލްވަދާއު ކިޔުމަށް ސޯޝަލް މީޑިއާގައި ފަބީނިއޯ ކުރި ޕޯސްޓެއްގައި ބުނީ މިއަދު ދާން ޖެހިފައިވަނީ އަމިއްލަ ގެ ދޫކޮށް ކަމަށާއި ފާއިތުވެދިޔަ ފަސް އަހަރު ލިވަޕޫލުގެ ޖާާޒީގައި ކުޅުނީ އުފަލާއި ފަހުރުވެރިކަމާއެކު ކަމަށެވެ. އަދި ލިވަޕޫލުން ދިން ސަޕޯޓަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މޮނާކޯ އިން 2018 ވަނަ އަހަރު ލިވަޕޫލާ ގުޅުމަށްފަހު، ފަބީނިއޯ ވަނީ އެ ކްލަބާއެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.