ޓުވިޓާގައި ސަރުކާރަށް ފާޑު ކިޔައި އެކި ބާވަތުގެ ޓުވީޓުތައް ކުރަމުންދާ އެކައުންޓު "ހަސަން ކުރުސީ"ގެ ފަހަތުގައި ވާ މީހަކު ނުވަތަ ބަޔަކު ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.
"ހަސަން ކުރުސީ"ގެ އެކައުންޓުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ އެކި ބޭފުޅުންނަށް ފާޅުގައި ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތައް ކޮށް، ފާޑުކިޔަމުންނެވެ.
އެ އެކައުންޓުގެ ފަހަތުގައިވާ މީހަކު ހޯދުމަށް ކޯޓު އަމުރެއް ނެރެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެދުމުގެ މަތީންނެވެ. އެކަމާ ގުޅިގެން ފުލުހުގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެކައުންޓުގެ ވެރި ފަރާތް ހޯދުމަށް އެ މުއައްސަސާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެ ފަހަތުގައިވާ މީހަކު ހޯދުމަށް ކޯޓު އަމުރާ އެކު ފުލުހުން ރަސްމީކޮށް އެދެން ޖެހޭނީ ޓުވިޓާގައެވެ. ސަރުކާރުތަކުން އެދުނު ނަމަވެސް، ޓްވިޓާގައި ހިންގާ އެކައުންޓުތަކުގެ މައުލޫމާތު އާންމު ގޮތެއްގައި އެ ކުންފުނިން ހާމަ ނުކުރާކަން ފާހަގަކޮށްލެވެއެވެ.
ހަސަން ކުރުސީގެ އެކައުންޓު އެންމެ ފުރަތަމަ އާންމު ވިއިރު، ގިނަ ބަޔަކު ތުހުމަތު ކުރީ އޭގެ ފަހަތުގައި ހުންނެވީ ސަރުކާރަށް ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
އެއީ، އޭގެ ކުރިން އެ މަނިކުފާނު ގެންގުޅުއްވި ނުރަސްމީ އެކައުންޓު "އެލެކްސް އަހުމަދު"ގެ އެކައުންޓާ ރައީސް ނަޝީދު ހަވާލުވުމުން، އޭގެ ބަދަލުގައި އުފެއްދި އެކައުންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ.
ނަމަވެސް ކުރުސީ އެކައުންޓުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެއީ ކާކުތޯ ބަލައިދިނުމަށް އެދި މިދިޔަ އޭޕްރިލް މަހު އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ އެ ހިސާބުންނެވެ.
ބާރަ ހާހަށް ވުރެ ގިނަ ފޮލޮވަރުން ތިބި އެ އެކައުންޓުން އަންނަނީ ހުއްޓުމެއް ނެތި ސަރުކާރާ ދެކޮޅު އެކިއެކި ވާހަކަތައް ފަތުރަމުންނެވެ.