މައިކް އެއްލުމުން ކާޑީބީއާ ދެކޮޅަށް މައްސަލަ

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީގެ ޝޯއެއްގެ ތެރެއިން އޭނާގެ ގަޔަށް ޖޫސް އުކި މީހަކާ ދިމާލަށް މައިކް އެއްލުމާ ގުޅިގެން ކާޑީބީއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފިއެވެ.

ކާޑީ ވަނީ ދާދި ފަހުން ލަސް ވޭގަސްގައި ޝޯތަކެއް ދީފައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ކާޑީ ޕަފޯމް ކުރަމުން ދަނިކޮށް ފޭނުންގެ ތެރެއިން މީހަކު ވަނީ އޭނާ ގަޔަށް ތަށްޓަކުން އެއްޗެއް އުކާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޯޑިއަންސްގެ ތެރެއިން މީހަކު އުކާފައިވަނީ ތަށްޓެގައި ހުރި ޖޫހެވެ.

މިކަމާ ގުޅިގެން ޝޯއަށް ދިޔަ މީހަކު ވަނީ ލަސް ވޭގަސް މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމެންޓް (އެލްވީއެމްޕީޑީ)އަށް މައްސަލައެއް ހުށަހަޅާފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓޭޖުން އެއްޗެއް އައިސް ޖެހުނު އަންހެނަކު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ.

މައްސަލަ ހުށަހެޅި އަންހެން މީހާ ބުނިގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ކޮންސާޓެއްގައި އޭނާގެ ގަޔަށް ވަނީ އެއްޗެއް އެއްލާފައެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކާޑީގެ މި މައްސަލަ ފެންމަތިވެފައިވާއިރު މިއީ މިފަދަ މައްސަލައެއް އޭނާގެ ފަރާތުން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ލަސް ވޭގަސްގައި ހުކުރު ދުވަހު އޮތް ޝޯއެއްގެ ތެރޭގައި އޭނާ ވަނީ ޑީޖޭއާ ދިމާލަށް ވެސް މައިކް އެއްލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދުވަހު ކާޑީ މައިކް އެއްލާފައިވަނީ ކާޑީ ޕަފޯމް ކުރަމުން ދަނިކޮށް އޭނާގެ ލަވަތައް މެދުތެރެއިން ކަނޑަމުންދާތީ އެކަމާ ރުޅިގަދަ ވެގެންނެވެ.

ހޮލީވުޑްގެ ތަރިންނާ ދިމާލަށް އޯޑިއަންސްގެ ފަރާތުން ތަފާތު އެކި އެއްޗެހި އުކާ މައްސަލަތައް އަންނަނީ މި ފަހަކަށް އައިސް އިތުރުވަމުންނެވެ. ޓިކެޓު ގަނެގެން ލަވަކިޔުންތެރިންގެ ޝޯތަކަށް ގޮސް އެކި އެއްޗެހި ގިނަ ފަހަރަށް އުކަނީ ފޭނުންނެވެ. މިފަދަ އަމަލުތަކުގައި އެކި ތަރިންނަށް ވަނީ އެކި ކަހަލަ އަނިޔާތައް ވެސް ވެފައެވެ.

comment ކޮމެންޓް