އަދުރޭގެ ރައްދު ނަޝީދަށް: މި ޕާޓީގައި ކެންޑިޑޭޓަކާ ރަނިންމޭޓެއް އެބަހުރި

އިދިކޮޅުގެ ހޯޕް ކޮންފަރެންސްގައި އަދުރޭ ވާހަކަދައްކަވަނީ / ސަން ފޮޓޯ: މުހައްމަދު ޝާތިއު

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގައި ރިޔާސީ ކެންޑިޑޭޓަކާއި، ރަނިންމޭޓަކު އެބަހުރި ކަމަށް ވިދާޅުވެ، އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

އަދުރޭ ނަޝީދަށް ރައްދު ދެއްވީ ޑިމޮކްރެޓްސްގެ ރަނިންމޭޓަކަށް ޕީޕީއެމްގެ މެންބަރަކު ހަމަޖެއްސުމަށް އެމަނިކުފާނު ދައުވަތު ދެއްވުމާގުޅިގެންނެވެ.

އިއްޔެ ހަވީރު އައްޑޫ ސިޓީގެ ހުޅުދޫގައި ޑިމޮކްރެޓްސްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ޕާޓީގެ ހަރަކާތްތަކަށް ޕީޕީއެމްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ޕީޕީއެމްގެ ރަނިންމޭޓަކާ އެކު ނުކުތުމަށް ފަސްނުޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިއަދު އަދުރޭ "ސަން"އަށް ވިދާޅުވީ އެއްވެސް ޕާޓީއެއްގެ ރަނިން މޭޓުކަން ޕީޕީއެމްއިން ގަބޫލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"މި ޕާޓީގައި ކެންޑިޑޭޓަކާއި، ރަނިންމޭޓަކު އެބަހުރި. ދެން އިތުރު ޕާޓީއެއްގެ ރަނިންމޭޓަކަށް ޕީޕީއެމުން ވާކަށް ނުޖެހޭނެ," އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ޕާޓީތަކުން ޕީޕީއެމާ މެދު ކޮންމެ ގޮތަކަށް ދުށް ކަމުގައި ވިޔަސް، އެ ޕާޓީއަކީ ރާއްޖޭގައި އެންމެ ބޮޑު ޕާޓީކަމަށެވެ.

މީގެ ކުރިން، ޕީޕީއެމްއާއި، ޑިމޮކްރެޓްސްއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ވެސް ވަނީ ބާއްވާފައެވެ. އަދުރޭ ވިދާޅުވީ އެ މަޝްވަރާތައް މަޑުޖެހެން މެދުވެރިވީ ރިޔާސީ އިންތިހާބާ ބެހޭ މަޝްވަރާތަކަށް ޑިމޮކްރެޓްސްއިން އިސްކަން ދިނުމުން ކަމަށެވެ.

"އަޅުގަނޑުމެން ވާހަކަދައްކަން ބޭނުންވީ ގައުމުގެ ހުރި ބޮޑެތި މައްސަލަތަކާ ބެހޭގޮތުން. ދެން އެކަމަކު އެ ބޭފުޅުން ބޭނުންފުޅުވީ ރިޔާސީ އިންތިހާބު އެހާ ކައިރީގައި އޮތީމައި އިންތިބާ ބެހޭ މަޝްވަރާތައް ކުރަން" އަދުރޭ ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. އެމަނިކުފާނުގެ ރަނިންމޭޓަކަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވަނީ ހަމަޖައްސަވާފައެވެ.

comment ކޮމެންޓް