އެޓްލާންޓާގެ ޑެންމާކް ފޯވަޑް ރަސްމުސް ހޮއިލުންޑް، މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އުމުރުން 20 އަހަރުގެ ހޮއިލުންޑް ހޯދުމަށް ޔުނައިޓެޑުން އެޓްލާންޓާއަށް ހުށަހަޅާފައިވަނީ 85 މިލިއަން ޔޫރޯ (94 މިލިއަން ޑޮލަރު)ގެ އަގެކެވެ. އެ އަގަށް އެއްބަސްވެ، ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ހޮއިލުންޑް ޔުނައިޓެޑާ ގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން ދަނީ ސްޓްރައިކަރެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުން ހޯދަން އެންމެ ބޭނުންވާ އެއް ސްޓްރައިކަރަކީ ހޮއިލުންޑްއެވެ. ޔުނައިޓެޑުން ހޮއިލުންޑްއަށް ބިޑުކޮށްފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު ބޯންމައުތާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް އެޓްލާންޓާގެ ސްކޮޑުން ހޮއިލުންޑް ފެނިފައެއް ނުވެއެވެ.
ޔުނައިޓެޑްގެ އިތުރުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ވެސް ވަނީ ހޮއިލުންޑް ހޯދުމަށް ބިޑުކޮށްފައެވެ. ޕީއެސްޖީން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެ ކްލަބުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ، ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހެދުމާ ގުޅިގެން އެ މަގާމަށް ކުޅުންތެރިޔަކު ހޯދުމަށެވެ. ޕީއެސްޖީން ހޮއިލުންޑަށް 50 މިލިއަން ޔޫރޯ (56 މިލިއަން ޑޮލަރު) ހުށަހެޅި ނަަމަވެސް، އެޓްލާންޓާ އިން ވަނީ އެ ބިޑު ގަބޫލުނުކޮށް ދޫކޮށްލައިފައެވެ.
ޔުނައިޓެޑުން ސްޓްރައިކަރެއްގެ ގޮތުގައި މިހާރު އާންމުކޮށް ބޭނުންކުރަނީ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑެވެ. ނަމަވެސް އޭނާއަށް އަނިޔާވެއްޖެ ނަމަ، އެ މަގާމަށް ކުޅޭނެ ރަނގަޅު ކުޅުންތެރިޔަކު މިހާރު ޔުނައިޓެޑުގެ ސްކޮޑުގައި ނެތެވެ. ދާދިފަހުން ޔުނައިޓެޑުން ވަނީ ރަޝްފޯޑްގެ ކޮންޓްރެކްޓު ވެސް އާކޮށްފައެވެ.