ތުރުކީގެ ޕޮލިސް އެކަޑަމީން ދިވެހި ދެ ފުލުހަކު ސެކިއުރިޓީ ޕްރޮގްރާމެއް ފުރިހަމަކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ތުރުކީގައި ވަނީ ޓާކިޝް ނެޝަނަލް ޕޮލިސް އެކަޑަމީން އެކި ގައުމުތަކުގެ ޕޮލިސް އޮފިސަރުންނަށް ޚާއްޞަކޮށް ކުރިއަށްގެންދިޔަ އެކަޑަމިކް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޢާން އެވެ.
އެ ޕްރޮގްރާމުގައި 16 ގައުމަކުން 87 ދަރިވަރުން ވަނީ ޑިގްރީ އާއި މާސްޓާސް ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
ޓާކިޝް ނެޝަނަލް ޕޮލިސް އެކަޑަމީން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައިވެރިވީ ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަތީގުލް ރަހްމާން އާއި ސާޖަންޓް އަލީ ތޯހާއެވެ.
މި ދެ އޮފިސަރުން ވަނީ ޓާކިޝް ނެޝަނަލް ޕޮލިސް އެކަޑަމީން ކުރިއަށް ގެންދިޔަ މާސްޓާޒް އޮފް އާޓްސް އިން ސެކިއުރެޓީ ސްޓްރެޓަޖީސް އެންޑް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މޯލްޑިވްސް ޕޮލިސް ސަވިސްއިން އަންނަނީ ޓާކިޝް ނެޝަނަލް ޕޮލިސް އެކަޑަމީން ހިންގާ އެކިއެކި ކޯސްތަކުން ދިވެހި ފުލުހުންނަށް ތައުލީމީ އެކިއެކި ފުރުސަތުތައް ހޯދައިދެމުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ ފުލުހުންގެ އޮފިސަރުން ވަނީ ތުރުކީއަށް ފޮނުވާފައެވެ.
އެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ތުރުކީގެ ރައީސް ވަނީ އެގައުމުން އަބަދު ވެސް އެހެން ގައުމުތަކުގެ ދަރިވަރުންނަށް މަރުހަބާ ކިޔާނޭ ކަމަށް ވިދާޅުވެފައެވެ.
އެރުދުޣާން ވިދާޅުވީ، ބައިނަލްއަޤްވާމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކުގައި ތުރުކީން އަބަދު ވެސް ގެންގުޅޭނެ ފުރަތަމަ ސިޔާސަތަކީ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރަން ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން އެރުދުޣާން ވަނީ ތުރުކީގެ ގައުމީ ޕޮލިސް އެކަޑަމީން ކުރިއަށްގެންދިޔަ އެކަޑަމިކް ޕްރޮގްރާމް ފުރިހަމަ ކުރި ހުރިހާ އޮފިސަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
އަދި، ޕްރޮގްރާމުން ލިބުނު އިލްމުގެ ބޭނުން އެނބުރި ގައުމަށް ގޮސް ހެޔޮގޮތުގައި ބޭނުންހިފުމަށް އެރުދުޣާން ވަނީ ހުރިހާ އޮފިސަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.