މިއަދާއި، މިރޭ ވެސް ހުޅުމާލޭގައި ފުޅަނދުތައް ދައްކާލުން އޮންނާނެ

މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ބައެއް ފުޅަނދުތައް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ދައްކާލަނީ -- ފޮޓޯ/ ހޯމް މިނިސްޓްރީ

މިނިވަން ދުވަހުގެ ހަރާކާތްތަކަށް ތައްޔާރުކުރި ފުޅަނދުތައް ދައްކާލުން، މިއަދު ހަވީރާއި، މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ މިއަދު ފުޅަނދުތައް ދައްކާލަން ހަމަޖެހިފައިވަނީ ހަވީރު 04:00 އިން 06:00އަށް އަދި ރޭގަނޑު 08:00އިން 11:00އަށް ކަމަށެވެ.

މި މަހުގެ 27ވަނަ ދުވަހުގެ ރޭ މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދުބުރުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ވަނީ ފުޅަނދުތައް ބައިވެރިކޮށްފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ވެސް ވަނީ ފުޅަނދުތައް ދައްކާލުން ކުރިއަށް ގެންގޮސްފައެވެ.

އަހަރުތަކަކަށް މަޑުޖެހިފައި އޮތުމަށް ފަހު، މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މިއަހަރުވަނީ ފަށާފައެވެ. އެގޮތުން އާންމުކޮށް އެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހެވިކަމާ ކުޅިވަރުގެ ހަރަކާތްތައް މިނިވަން ދުވަހުގެ ރޭ ބާއްވާފައިވެއެވެ.

މީގެ އިތުރުން އާބަންކޯއިން އިންތިޒާމުކޮށްގެން ބާއްވާ "މިނިވަން އުފާ ކާނިވާ" ވަނީ ރޭ ފަށާފައެވެ. ހަވާ އެރުވުމާއި، ޑްރޯން ޝޯ އަކާ އެކު، ރޭ ފެށި އެ ހަރަކާތުގެ ތެރޭގައި ގޭމް ސްޓޯލްތަކާއި، ބިރުވެރި ހޮހޮޅައާއި، ކާބޯތަކެތި ވިއްކުމަށް ޚާއްޞަ ފުޑް ސްޓްރީޓްއާއި، ބޭރުގެ ހުނަރުވެރިންނާއެކު ސާކަސް ޝޯއަކާއި ލައިވް މިއުޒިކް އަދި ކަރޯކޭ ބޮކްސްގެ އިތުރުން ލޭޒާ ޓެގް ފަދަ ޝައުގުވެރި އެތައް ކުޅިވަރުތަކެއް ހިމެނެއެވެ. އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެ ކާނިވާ ކުރިއަށްދާނެއެވެ.

މާލޭގައި ރޯގާއެއް ފެތުރެމުންދާތީ އެ ހަރަކާތް ފަށާފައިވަނީ އެއް ދުވަހަށް ލަސް ކުރުމަށް ފަހުގައެވެ. ރޯގާގެ އަލާމާތްތައް ހުރިނަމަ، މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް ކަމާބެހޭ އިދާރަތަކުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް