ލޯނުގެ ދަށުން ލިވަޕޫލުން އެމްބާޕޭ ހޯދަނީ

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ލޯނުގެ ދަށުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ގެންދިއުމަށް ލިވަޕޫލުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމްބާޕޭގެ ލޯނު އެއްބަސްވުމާ ގުޅޭގޮތުން މިހާރު ޕީއެސްޖީ އާއި ލިވަޕޫލުން ދަނީ މަޝްވަރާތައް ކުރަމުންނެވެ. ލިވަޕޫލުން އޭނާ ގެންދިއުމަށް މަސައްކަތްކުރަނީ އެއް އަހަރުގެ ދުވަހުގެ ލޯނެއްގެ ދަށުން ފީއެއް ދައްކާ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓް އާކުރުމަށް ހުށަހެޅި ނަމަވެސް، އެކަމަށް އޭނާ ދެކޮޅު ހެދުމުން އެ ކްލަބުން ދަނީ އެމްބާޕޭ ވިއްކާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އުމުރުން 24 އަހަރުގެ އެމްބާޕޭއަށް ވަނީ ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް ދުނިޔޭގެ ރެކޯޑު އަގެއް ހުށަހަޅައިފައެވެ. ހަލް ހިލާލުން އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ގެންދަން ހުށަހަޅާފައިވަނީ 259 މިލިއަން ޕައުންޑް (332 މިލިއަން ޑޮލަރު)ގެ އަގެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން އެމްބާޕޭ ވިއްކާލުމަށް ބޭނުންވަނީ ކުރިއަށްއޮތް ސީޒަނުގެ ނިޔަލަށް އެ ކްލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާތީއެވެ. އޭނާ މަސައްކަތްކުރަމުންދަނީ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅުމަށެވެ. އެހެންވެއްޖެ ނަމަ، އެމްބާޕޭ ގެންދިއުމަށް ބޮޑު ހަރަދެއް ކުރި ޕީއެސްޖީއަށް ބޮޑު ގެއްލުމެއް ލިބިގެންދާނެއެވެ.

ޕީއެސްޖީ އާއި އެމްބާޕޭއާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހިފައިވާ އިރު، ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމަށް އޭޝިއާއަށް ކުރި ދަތުރުގައި ވެސް އެ ކްލަބުގެ ސްކޮޑުގައި އޭނާ ހިމެނިފައެއް ނުވެއެވެ.

comment ކޮމެންޓް