ޅަވިޔަނި ޓާޓުލް ފެސްޓިވަލް އަންނަ މަހުގެ 11އާއި 12 ވަނަ ދުވަހު ޅ. ނައިފަރުގައި ބޭއްވުމުގެ ތައްޔާރީތައް އެ ރަށުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނައިފަރު ޖުވެނައިލްއިން ފަށައިފިއެވެ.
އެ ފެސްޓިވަލަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެކަމަށް ބެލެވޭ ވެލާ ކަހަނބުގެ ބާވަތްތަކާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމަށާއި، އުކާލެވޭ ކުނީގެ ބާވަތްތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކަށް މީހުން ހޭލުންތެރިކުރުވުމަށާއި، އެތަކެތި ބޭނުންކޮށްގެން ކުރެވިދާނެ ކަންކަމާއި، މަސައްކަތްތައް އާންމުންނަށް ދައްކާލުމަށާއި، ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފެސްޓިވަލްއެކެވެ.
މީގެ އިތުރުން، މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި މުއައްސަސާތައް އެއްތަނަކުން ބައްދަލުވެ ޚިޔާލު ބަދަލުކުރުމާއި، މައުލޫމާތު ހިއްސާކުރުމާއި، ތިމާވެއްޓާ ގުޅޭ މުހިންމު ތަފާތު މައުލޫމާތުތައް އެއްކުރުން ވެސް ފެސްޓިވަލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ ކުރިން ބޭއްވި ޅަވިޔަނި ޓާޓުލް ފެސްޓިވަލްއެއްގެ ތެރެއިން: މި އަހަރުގެ ފެސްޓިވަލްގައި ޅ. އަތޮޅުގެ ހުރިހާ ސްކޫލަކުން ބައިވެރިވާނެ -- ފޮޓޯ/ ނައިފަރު ޖުވެނައިލް
ނައިފަރު ޖުވެނައިލްއިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ފެސްޓިވަލް ރާވައި ހިންގުމުގެ މަސައްކަތް ކުރަމުންނެވެ.
މި ފެސްޓިވަލުގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ޅ. އަތޮޅުގެ ހުރިހާ ސްކޫލަކާއި، ނ، ރ އަދި ބ އަތޮޅުން ކޮންމެ އަތޮޅަކުން އެއް ސުކޫލާއި، ޅ، ނ، ރ އަދި ބ އަތޮޅުގެ ރިސޯޓުތަކުންނާއި، ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ ބޮޑަތި ޖަމިއްޔާތަކުންނާއި، ސަރުކާރުގެ އިދާރާތަކުންނާއި، ސީޝެލްސް، އިންޑިއާ އަދި އެފްރިކާގެ ބައެއް ޖަމިއްޔާތަކުން ބައިވެރިވާނެ ކަމަށް ނައިފަރު ޖުވެނައިލްއިން ބުނެއެވެ.
އެ ފެސްޓިވަލްގައި، އުކާލެވޭ ކުނީގެ ބާވަތްތައް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރުމުގެ ތަފާތު މުބާރާތްތައް ކުރިއަށްގެންދާނެއެވެ. އެ މުބާރާތްތަކާއި ފެސްޓިވަލްއާ ބެހޭ އެހެނިހެން މައުލޫމާތު ނައިފަރު ޖުވެނައިލް އާއި އެޓޯލް މެރިންސެންޓާގެ ފޭސްބުކް އާއި އިންސްޓަގްރާމް ޕޭޖުން ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ނައިފަރު ޖުވެނައިލް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ފެސްޓިވަލް ބާއްވަމުން -- ފޮޓޯ/ ނައިފަރު ޖުވެނައިލް
މިއަހަރުގެ ފެސްޓިވަލްގައި ޓައިޓްލް ސްޕޮންސާއަކީ ދަ ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއާ އެވެ. މެއިން ސްޕޮންސާއަކީ ކޯރާ ކޯރާ މޯލްޑިވްސް އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ. ކޯސްޕޮންސަރުންގެ ތެރޭގައި ކުރެއްދޫ ރިސޯޓް އާއި ސޮނޭވާ ހިމެނެއެވެ. އަދި ކޯ ސްޕޮންސާ ޕްލަސްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް އާއި ސަޕޯޓިން ޕާޓްނަރުގެ ގޮތުގައި ނައިފަރު ކައުންސިލްގެ އިދާރާ ބައިވެރިވެއެވެ.
އެ ފެސްޓިވަލްގެ މީޑިއާ ޕާޓްނަރުންނަކީ އެސްއެސްޓީވީ، އެސްއެސްނެޓް އަދި ސަން އޮންލައިން އެވެ.
ނައިފަރު ޖުވެނައިލް އުފައްދާފައި ވަނީ އޮކްޓޯބަރު 31، 2000ގައެވެ. އެ ޖަމިއްޔާއިން ވަނީ ޒުވާނުންގެ ހަރަކާތްތައް ރާވާ ހިންގާ އެންމެ ހަރަކާތްތެރި ޖަމިއްޔާގެ އެވޯޑު 2008 ވަނަ އަހަރު ހޯދާފައެވެ. އަދި އިޖުތިމާއީ ޚިދުމަތުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް 2017 ވަނަ އަހަރު އެ ޖަމިއްޔާއިން ހޯދާފައިވާއިރު މި އަހަރު އެ ޖަމިއްޔާއަށް އިތުރު ދެ އެވޯޑެއް ލިބިފައިވެއެވެ. އެއީ ތިމާވެށީގެ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑާއި، ސައުތު އޭޝިއަން ކްލައިމެޓް ކޮންފަރެންސްގައި "އެވަރެންސްޓް ކްލައިމެޓް އެކްޝަން އެވޯޑް 2023" އެވެ.