ވެލެންސިއާގެ ގިނަ ކުޅުންތެރިންނަށް ރޯގާ ޖެހިފައި، މެޗު މާޒިޔާއަށް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

މިހާރު މާލެ ސަރަހައްދުގައި ފެތެރެމުންދާ ރޯގާ ޖެހި، ގިނަ އަދަދެއްގެ ކުޅުންތެރިން ބަލިވުމާ ގުޅިގެން ކްލަބު ވެލެންސިއާއަށް މެޗަށް ހާޒިރުނުވެވުމުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް މެޗު ލިބިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ވެލެންސިއާ އާއި މާޒިޔާ ކުޅޭ ދިވެހި ޕްރިމިއާ ލީގު މެޗު ފެށުމަށް ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. ނަމަވެސް އެ މެޗަށް ވެލެންސިއާގެ ކުޅުންތެރިން ހާޒިރުވެފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ގިނަ ކުޅުންތެރިންނަށް ރޯގާ ޖެހިގެން ބަލިވެފައިވާ ކަމަށް ވެލެންސިއާ އިން އަންގާފައިވާ ކަމަށާއި ނަމަވެސް މެޗު ފެށުމަށް ކައިރިވެރިވުމުން އެކަން އެންގާފައިވާތީ ވެލެންސިއާ އިން މެޗު ދޫކޮށްލީ ކަމަށް މުބާރާތުގެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ މެޗު މާޒިޔާއަށް ލިބުނު ކަމަށް ނިންމާފައިވާ ކަމަށް ޖަވާޒް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިހާރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމަކީ ނޯރޯވައިރަސްގެ ރޯގާއެކެވެ. ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން އެ ވައިރަސް ފެތުރޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި މާޒިޔާ މިވަގުތު އޮތީ ކުޅުނު ހަ މެޗުން 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ސަސް އަދި ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސްއަށް ވެސް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

comment ކޮމެންޓް