އެލްއޭއެފްސީން ރާމޯސް ގެންދިއުމަށް މަސައްކަތްކުރަނީ

ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް -- ފޮޓޯ/ ގެޓީ

އެމެރިކާގެ ލޮސް އެންޖެލެސް އެފްސީ (އެލްއޭއެފްސީ)އިން ސްޕެއިންގެ ތަޖުރިބާކާރު ސެންޓާ ބެކް ސާޖިއޯ ރާމޯސް ހޯދުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ރާމޯސް، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހު ވަނީ ނިމުމަކަށް އައިސްފައެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވާދަވެރިކަމުގެ ތެރެއިން އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ރާމޯސްގެ ވާދަވެރިކަން ވެސް ފެނިގެންދިޔަ އިރު، ޕީއެސްޖީން އެ ދެ ކުޅުންތެރިން ފެނިގެންދިޔައީ "އެކުވެރީން"ގެ ގޮތުގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސައުދީ އަރަބިއާގެ ކްލަބުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ރާމޯސް ގެންދިއުމަށް އެލްއޭއެފްސީން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެއާއެކު އިންޓަ މަޔާމީއަށް ކުޅެމުންދާ މެސީ އާއި ރާމޯސްގެ ވާދަވެރިކަން އަލުން ފެނުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާމޯސްގެ ފުޓުބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ ރެއާލް މެޑްރިޑްގައެވެ. ސެވިއްޔާ އިން 2005 ވަނަ އަހަރު ރެއާލްއާ ގުޅުމަށްފަހު އޭނާ ވަނީ އެ ކްލަބާއެކު ފަސް ސްޕެނިޝް ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޕީއެސްޖީގައި މެސީއާއެކު އޭނާ ވަނީ ދެ ފަހަރު ފްރާންސް ލީގު ކާމިޔާބުކޮށްފައެވެ.

އިންޓަ މަޔާމީއާއެކު މެސީގެ ފެށުން ދިޔައީ ވަރަށް ރަނގަޅަށެވެ. މިހާތަނަށް އިންޓަ މަޔާމީގައި މެސީ ކުޅުނު ދެ މެޗުން އޭނާ ވަނީ ތިން ގޯލު ޖަހައިފައެވެ.

comment ކޮމެންޓް